މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެލް.ޕީ.ޖީ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދަތުރުފަތުރަށް ދިމާވި ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު އެއް ހަކަތައިގެ މަސްދަރަށް ނޭދެވޭ އަސަރުކޮށްފިއެވެ.
ހަކަތައިގެ އަގުތައް ދިރާސާކުރާ އެޖެންސީއެއް ކަމަށްވާ "އާގަސް" އިން ހާމަކުރާ ގޮތުގައި، ކަނޑުމަގުން ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ އެލް.ޕީ.ޖީގެ ގާތްގަނޑަކަށް %30 ފޯރުކޮށްދެނީ ގަލްފް ސަރަހައްދުގެ ގައުމުތަކުންނެވެ. މިއީ ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ މައްސަލައިގެ މައިގަނޑު ސަބަބުކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
"އޯ.ޕީ.އައި.އެސް" އިން ހިއްސާކޮށްފައިވާ ބާޒާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މައްސަލަތައް ދިމާވުމުގެ ކުރިން މެދުއިރުމަތިން އޭޝިއާ ސަރަހައްދަށް މަހަކު އެވްރެޖްކޮށް 4 މިލިއަން ޓަނުގެ އެލް.ޕީ.ޖީ އެކްސްޕޯޓް ކުރެއެވެ. ނަމަވެސް، އޭގެ ފަހުން މަސްދުވަހުގެ ނިސްބަތުން ބަލާއިރު އެއްވެސް މަހެއްގައި އެކްސްޕޯޓް ކުރެވުނު މިންވަރު 1.5 މިލިއަން ޓަނަށްވުރެ މައްޗަށް ގޮސްފައެއް ނުވެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަތްކަނޑުގެ ބަނދަރެއްކަމަށްވާ ޔަންބޫ މެދުވެރިކޮށް ކުރިއަށްގެންދާ ބަދަލުމަގުގެ އެކްސްޕޯޓް ވޮލިއުމްވެސްވަނީ ދަށަށް ގޮސްފައެވެ.
2026 ވަނަ އަހަރުގެ ފެބުރުއަރީ މަހު ސައުދީ އަރަމްކޯގެ އެންމެ މުހިންމު އެލް.ޕީ.ޖީ އެކްސްޕޯޓް ފެސިލިޓީ ކަމަށްވާ "ޖުއައިމާ" އަށް ލިބުނު ގެއްލުންތަކާ ގުޅިގެން، މެއިމަހުގެ ނިޔަލަށް އެތަނުން މުދާފޮނުވުން އޮތީ މެދުކަނޑާލާފައެވެ. މިއީ ދުނިޔޭގެ ބާޒާރަށް ލިބުނު ވަރަށް ބޮޑު ލޮޅުމެއްކަމަށް ސިނާއަތުގެ ތަޖުރިބާކާރުން ބުނެއެވެ.
މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި އެލް.ޕީ.ޖީ ސްޕްލައިކޮށްދޭ މައި ކުންފުނިތަކުން މިހާރުދަނީ ކަނޑައެޅިފައިވާ ބެންޗްމާކް އަގަށްވުރެ ބޮޑު އަގުތަކެއް ކަނޑައަޅަމުންނެވެ. ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އެލް.ޕީ.ޖީ ވިއްކަމުންދަނީ ސައުދީ އަރަމްކޯގެ ކޮންޓްރެކްޓް އަގަށްވުރެ ޓަނަކަށް 300 އާއި 400 އެމެރިކާ ޑޮލަރާ ދެމެދުގެ އިތުރު އަގަކާއެކުގައެވެ.
މި ހާލަތުގެ ސަބަބުން ކޮންމެ މަހަކު ކައްކާގޭހުގެ އަގަށް އަންނަ ބޮޑެތި ބަދަލުތަކާ ގުޅިގެން، ދެކުނު އޭޝިއާގެ ގައުމުތަކުގައި ކައްކާގޭހުގެ އަގުތައް ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. އަދި އަގުބޮޑުވުމުގެ އިތުރުން، ސްޕްލައި ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މި ސަރަހައްދުގެ ބައެއް ގައުމުތަކުން ކައްކާގޭސް އެއްކޮށް ހުސްވެ، ގޭހަށް ޖެހިފައިވާ ހާލަތު ހަފުތާއަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ހަކަތައިގެ ބާޒާރުގެ ހާލަތު ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން މާހިރުން ދަނީ ފާޅުކުރަމުންނެވެ.

