ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއް ނިންމާފައިވާއިރު، ޖުމްލަ 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަގުސޫދުގައި އެމްޓީސީސީން ހިންގި މި މަޝްރޫއުތަކުގެ ތެރޭގައި މުހިންމު ގިނަ ދާއިރާތަކެއް ހިމެނެއެވެ.

އެގޮތުން، މި މުއްދަތުގައި އެންމެ ގިނައިން ނިންމާފައިވަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކެވެ. އެ ދާއިރާއިން 19 މަޝްރޫއެއް ނިންމާފައިވާއިރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން 16 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މީގެ އިތުރުން ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަނދަރު ހެދުމުގެ 14 މަޝްރޫއަކާއި، ކުޅިވަރުގެ ދާއިރާއިން ފުޓްސަލް އަދި ފުޓްބޯޅަ ދަނޑުގެ 7 މަޝްރޫއު ވަނީ ނިންމާފައެވެ.

އަދި އަމަންއަމާންކަން ގާއިމުކުރުމުގެ ގޮތުން ޕޮލިސް ޕޯސްޓު ގާއިމް ކުރުމުގެ 6 މަޝްރޫއަކާއި، އިމާރާތް ކުރުމުގެ 4 މަޝްރޫއުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް އެއާޕޯޓު ތަރައްގީ ކުރުމުގެ 4 މަޝްރޫއެއް ވެސް އެ ކުންފުނިން ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ ތިން އަހަރު އެމްޓީސީސީން ކާމިޔާބުކަމާއެކު ނިންމާލާފައިވާ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ވޮލީ ކޯޓުތައް: 3 މަޝްރޫއު
  • ޖެޓީ ތަރައްގީކުރުން: 2 މަޝްރޫއު
  • ޕާކުތައް ތަރައްގީކުރުން: 2 މަޝްރޫއު
  • ސްކޫލް އަދި މަލްޓިޕަރޕަސް ހޯލް: 2 މަޝްރޫއު
  • ބަނދަރު (ޕޯޓް) ތަރައްގީކުރުން: 1 މަޝްރޫއު
  • ކޮންސަލްޓެންސީ މަސައްކަތް: 1 މަޝްރޫއު
  • ސާވޭ ކުރުމުގެ މަސައްކަތް: 1 މަޝްރޫއު

އެމްޓީސީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކުންފުނީގެ ތަރައްގީގެ ހަރަކާތްތައް މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރާފައެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރުތެރޭގައި ފެށި 356 މަޝްރޫއުގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 149 ރަށެއްގައި އެ ކުންފުނީގެ އަމަލީ މަސައްކަތްތައް މިހާރުވެސް ދަނީ ހިނގަމުންނެވެ.

މިއީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އުމްރާނީ ތަރައްގީ ފޯރުކޮށްދިނުމުގައި އެމްޓީސީސީން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *