ރާއްޖޭގައި އަލަށް ތައާރަފުކުރި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލްގެ ޚިދުމަތުގައި މިހާތަނަށް 4،800 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެ، އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއަށް 100،000 (އެއްލައްކަ) އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ވަދެފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއިން ބޭރުން ބޮޑު އަދަދެއްގެ ފައިސާ އެތެރެކުރެވިފައިވާއިރު، މިދިޔަ ޖޫން މަހު ރާއްޖޭގައި މި ޚިދުމަތް ފެށި ފަހުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު ދަނީ ބާރަށް އިތުރުވަމުންނެވެ.
މި ޚިދުމަތް ރަސްމީކޮށް ތައާރަފުކުރެވުނީ ޖޫން މަހުގެ 15 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ޕޭޕަލްގެ އޭޝިއާ-ޕެސިފިކް ޑިވިޝަންގެ ވައިސް ޕްރެޒިޑެންޓް އާމިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި މި ޚިދުމަތް ދެމުން ގެންދަނީ އުރީދޫ ފިންޓެކްގެ އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށެވެ. މި އިންޓަގްރޭޝަންގެ ސަބަބުން ކަސްޓަމަރުންގެ ޕޭޕަލް އެކައުންޓް އެމް-ފައިސާއާ ގުޅުވާލައިގެން، ސީދާ ރާއްޖެއިން ބޭރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދިވެހި ސަރުކާރާއި ޕޭޕަލްއާ ދެމެދު ކުރެވުނު މަތީ ފެންވަރުގެ މަޝްވަރާތަކަށް ފަހު ފެށުނު މި ޚިދުމަތަކީ ދިވެހި ފްރީލާންސަރުންނަށާއި، އަމިއްލަ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ގުޅި، ފައިސާ ބަލައިގަތުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ. އަދި މިއީ ދިވެހި ވިޔަފާރިތައް ދުނިޔޭގެ ޑިޖިޓަލް އިގުތިސާދާއި ގުޅުވާލުމަށާއި، އެންމެން ޝާމިލުވާ ޑިޖިޓަލް އިގުތިސާދަކަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ޚިދުމަތް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ފްރީލާންސަރުންނާއި އާންމު ފަރުދުން އިގުތިސާދީ ގޮތުން ބާރުވެރިވެ، ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި އިތުބާރާއެކު ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

