މާލޭގެ ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލުނީ ސަޕްލައިއަށް ދިމާވި މައްސަލައަކުން ކަމަށާއި، އަގު ހިފެހެއްޓުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މާކެޓުގައި ކެރެޓުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވުމާ ގުޅިގެން ޢާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، ކެރެޓުގެ އަގު އުފުލެން މެދުވެރިވި ސަބަބު ބެލިބެލުމުން އެނގުނީ ސަޕްލައި ކުރުމުގައި ދަތިތަކެއް ދިމާވުމުން ކަމަށެވެ.
ނަމަވެސް، ބާޒާރުގައި އަގު ބޮޑުވި ނަމަވެސް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ކެރެޓު ވިއްކަމުން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ސަޕްލައި މަދުވި ދަނޑިވަޅުގައިވެސް އެސްޓީއޯ އިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަޕްލައި ކުރުމުގައި ދަތިތައް ކުރިމަތިވި އަމިއްލަ ކުންފުނިތަކުގެ މުދާވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު ކްލިއަރ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ދެން ވިޔަފާރިވެރިން އަގު ބޮޑުކޮށް ކެރެޓު ނުވިއްކަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ބާޒާރުގައި ކެރެޓުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ބާޒާރަށް އިތުރަށް ކެރެޓު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިގޮތުން އެސްޓީއޯއިން ގެނައި ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތްވެސް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ސަޢީދު ވަނީ ހާމަކުރައްވާފައެވެ.

