ރެސިޑެންޝަލް ޓޫރިޒަމް: ދުނިޔޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ކުރިއަށް އޮތް އައު އަމާޒު

ޢާންމު ފަތުރުވެރިކަމުގެ ބޭރުން، ދިގު މުއްދަތަކަށް ދިރިއުޅޭ ބޭރުގެ ރައްޔިތުންނާއި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުޞަތުތައް ޤައުމުތަކުން ހޯދަމުންދާ ގޮތް

ފަތުރުވެރިކަމުގެ އައު ދުރުރާސްތާއެއް
ވޭތުވެދިޔަ އެތައް އަހަރެއް ވަންދެން، ދުނިޔޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ބިނާވެފައި އޮތީ މައިގަނޑު ގޮތެއްގައި ހޮޓާތަކާއި، ރިޒޯޓުތަކާއި، ކުރު މުއްދަތުގެ ޗުއްޓީތަކާއި، އަދި ޢާންމުކޮށް ފަތުރުވެރިން އަންނަ އައުމުގެ މައްޗަށެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ވެށި މިހާރު ދަނީ މަޑުމަޑުން ބަދަލުވަމުންނެވެ. މަދު ދުވަސްކޮޅަކަށް ނުވަތަ ހަފުތާއަކަށް އައުމުގެ ބަދަލުގައި، އެތައް މަހަކަށް މަޑުކުރުމަށް، ނުވަތަ ދެވަނަ ގެއެއް ގޮތުގައި ތަނެއް ބެލެހެއްޓުމަށް، ނުވަތަ ޤައުމުގައި ދިގު މުއްދަތެއް ހޭދަކުރުމަށް ޝައުޤުވެރިކުރުވުމުން ލިބޭ އިޤްތިޞާދީ މަންފާ ގިނަ ޤައުމުތަކަކުން ދަނީ ބަލައިގަންނަމުންނެވެ. އުފެދެމުން އަންނަ މި އިޤްތިޞާދީ މޮޑެލް ޢާންމުކޮށް ގުޅުވާލެވެނީ ރެސިޑެންޝަލް ޓޫރިޒަމް، ސެކަންޑް-ހޯމް ޓޫރިޒަމް އަދި ލޯންގް-ސްޓޭ ޓޫރިޒަމް އާއެވެ.

ހޮޓާތަކުގައި ހުރުމާއި ކުރު މުއްދަތަކަށް ކުރާ ޚަރަދުތަކުން މައިގަނޑު ގޮތެއްގައި އާމްދަނީ އުފައްދާ ޢާންމު ފަތުރުވެރިކަމާ ޚިލާފަށް، ރެސިޑެންޝަލް ޓޫރިޒަމަކީ ބައިނަލްއަޤްވާމީ ޒިޔާރަތްތެރިންނާއި އެ ޤައުމަކާ ދެމެދު އިތުރަށް ފުޅާ އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ފަދަ އިޤްތިޞާދީ ގުޅުމެއް އުފައްދައިދޭ ކަމެކެވެ.

އަސްލު ރެސިޑެންޝަލް ޓޫރިޒަމަކީ ކޮބައި ހެއްޔެވެ؟
ރެސިޑެންޝަލް ޓޫރިޒަމަކީ ބައިނަލްއަޤްވާމީ ޒިޔާރަތްތެރިން، ޢާންމު ހޮޓާތަކުގެ ބަދަލުގައި، އަމިއްލަ މިލްކިއްޔާތުގައިވާ ނުވަތަ ކުއްޔަށް ހިފާފައިވާ ދިރިއުޅޭ ތަންތަނުގައި ގިނަ ދުވަސްތަކެއް ހޭދަކުރާ ފަތުރުވެރިކަމުގެ ބާވަތެކެވެ.

މިފަދަ ޒިޔާރަތްތެރިންގެ ތެރޭގައި ހިމެނެނީ: –
ގައުމުން ބޭރުގައި ފަސޭހަ ދިރިއުޅުމެއް ހޯދުމަށް އެދޭ ރިޓަޔަރވެފައިވާ މީހުންނާއި ޕެންޝަނަރުން. –
ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާއި އިންވެސްޓަރުން. –
ރިމޯޓްކޮށް މަސައްކަތްކުރާ މީހުންނާއި ޑިޖިޓަލް ޕްރޮފެޝަނަލުން. –
އެހެން ޤައުމެއްގައި ދެވަނަ ގެއެއް ބިނާކުރަން ބޭނުންވާ ޢާއިލާތައް. –
މޫސުމާއި، ސަޤާފަތާއި، ޞިއްޙީ ޚިދުމަތް އަދި ދިރިއުޅުމުގެ ފެންވަރަށް ޝައުޤުވެރިވެގެން ދިގު މުއްދަތަކަށް ޒިޔާރަތްކުރާ މީހުން. –

އަމިއްލަ ޤައުމާއި އެހެން މަންޒިލަކާ ދެމެދު ގަވާއިދުން ވަގުތު ބަހާލައިގެން ދިރިއުޅޭ މީހުން.
މިކަމުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ތަފާތަކީ، ރެސިޑެންޝަލް ޓޫރިޒަމަކީ ކޮންމެހެން ދާއިމީ ހިޖުރަކުރުމެއް (ޕަރމަނަންޓް އިމިގްރޭޝަނެއް) ނޫން ކަމެވެ. މިކަމުގައި ބައިވެރިވާ ގިނަ މީހުން އެމީހުންގެ އަސްލު ރައްޔިތުކަމާއި މައިގަނޑު ވަޒަން ދަމަހައްޓައެވެ؛ އަދި އެހެން ޤައުމެއްގައި ދެވަނަ ގެއެއް ބަލަހައްޓައި ނުވަތަ އެކަށީގެންވާ ދިގު މުއްދަތެއް އެ ޤައުމުގައި ހޭދަކުރެއެވެ. އަދި އިންވެސްޓްމަންޓް މެދުވެރިކޮށް ރައްޔިތުކަން ހޯދުމުގެ ޕްރޮގްރާމްތަކާއި ދާއިމީ ރަށްވެހިކަން (ޕަރމަނަންޓް ރެސިޑެންސީ) ދިނުމުގެ ޕްރޮގްރާމްތަކާ ރެސިޑެންޝަލް ޓޫރިޒަމާ ހުރި ތަފާތު ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ. ރައްޔިތުކަން ނުވަތަ ހުރަހެއްނެތް ދާއިމީ ރަށްވެހިކަމެއް ނުދީވެސް، ޤައުމަކަށް ރެސިޑެންޝަލް ޓޫރިޒަމް ތަރައްޤީ ކުރެވިދާނެއެވެ. މީގެ މަޤްޞަދަކީ ދިގު މުއްދަތަކަށް މަޑުކުރުމަށް ހިތްވަރުދިނުމާއި، ޒިންމާދާރުކަމާއެކު ބޭރު ފައިސާއިން ޚަރަދުކުރުވުމާއި، ރިއަލް އެސްޓޭޓަށް އިންވެސްޓްކުރުވުމާއި، އަދި އިޤްތިޞާދުގައި ބައިވެރިވުން އިތުރަށް ވަރުގަދަކުރުމެވެ

ބައިނަލްއަޤްވާމީ މިސާލުތައް:
މި ފުރުޞަތު ދެނެގަނެފައިވާ ޤައުމުތައް

1.މެލޭޝިއާ – "މެލޭޝިއާ މައި ސެކަންޑް ހޯމް" ޕްރޮގްރާމް

ބައިނަލްއަޤްވާމީ ފެންވަރުގައި ދިގު މުއްދަތަކަށް ދިރިއުޅޭނެ ފަރާތްތައް ޝައުޤުވެރިކުރުވުމަށް ސަރުކާރުން އިސްނަގައިގެން ހިންގާ ހަރަކާތްތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ މެލޭޝިއާއެވެ. "މެލޭޝިއާ މައި ސެކަންޑް ހޯމް" (އެމް.އެމް.2.އެޗް) ޕްރޮގްރާމަކީ ރިޓަޔަރ ކުރުމަށްފަހު ނުވަތަ އިންވެސްޓްކުރުމަށް، ނުވަތަ ދިގު މުއްދަތަކަށް މެލޭޝިއާގައި ދިރިއުޅެން ޝައުޤުވެރިވާ ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ޝަރުތު ހަމަވާ ބައިވެރިންނަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ފަހަރު މަތިން އެތެރެއެވެވޭ ގޮތަށް ދިގު މުއްދަތުގެ ސޯޝަލް ވިޒިޓް ޕާސް ލިބިގެންދެއެވެ.

2. ޕޯޗުގަލް – އަލްގާވް އަދި ދެވަނަ ގޭގެ އިޤްތިޞާދު ޕޯޗުގަލް،
ޚާއްޞަކޮށް އެ ޤައުމުގެ އަލްގާވް ސަރަޙައްދަކީ ރެސިޑެންޝަލް ޓޫރިޒަމްގެ ވަރަށް މުހިންމު އެހެން މިސާލެކެވެ. އަލްގާވް ސަރަޙައްދަކީ ބައިނަލްއަޤްވާމީ ރިޓަޔަރީންނާއި، ދެވަނަ ގޭގެ ވެރިންނާއި، ދިގު މުއްދަތަކަށް ޒިޔާރަތްކުރާ ފަރާތްތައް ވަރަށް ބޮޑަށް ދަމައިގަންނަ ތަނެކެވެ. އެ ސަރަޙައްދުގެ ހިތްގައިމު މޫސުމާއި، އައްސޭރިފަށުގެ މާޙައުލާއި، ޢުމްރާނީ ވަސީލަތްތަކާއި އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން، އެއީ ރެސިޑެންޝަލް ޓޫރިޒަމްގެ ފާހަގަކޮށްލެވޭ މަންޒިލަކަށް ވަނީ ވެފައެވެ..
ޔުނިވަރސިޓީ އޮފް އަލްގާވް އިން ހަދައި، އިންޓަނޭޝަނަލް ބިޒްނަސް އިންފޮމޭޝަން މެނޭޖްމަންޓް އެސޯސިއޭޝަން މެދުވެރިކޮށް ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި، އެ ސަރަޙައްދުގައި "ދެވަނަ ގޭގެ ފަތުރުވެރިކަމުން" ކުރާ އިޤްތިޞާދީ އަދި އިޖުތިމާޢީ އަސަރުތައް ބަލާފައިވެއެވެ. މި ދިރާސާއިން ދައްކާގޮތުގައި ރިއަލް އެސްޓޭޓާއި، މުނިފޫހިފިލުވުމާއި އަދި މެހެމާންދާރީގެ ދާއިރާގެ ޙަރަކާތްތައް ވަނީ އިތުރުވެފައެވެ. އަދި ހަމައެއާއެކު، ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި އެ ސަރަޙައްދުގެ މުޖުތަމަޢާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިވުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ. މި މޮޑެލްއިން ދައްކުވައިދެނީ، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި އިޤްތިޞާދީ ޙަރަކާތްތައް އުފައްދައިދޭއިރު، ޢާންމު ހޮޓާތަކާއި ރިސޯޓުތަކުގެ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ރެސިޑެންޝަލް ޓޫރިޒަމް އެހީތެރިވެދޭނެ ގޮތެވެ.


3. ތައިލެންޑް
ދިގު މުއްދަތުގެ އަދި ރިޓަޔަރމަންޓް ޓޫރިޒަމް ތައިލެންޑުގައި ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ބައިނަލްއަޤްވާމީ ޒިޔާރަތްތެރިންނަށް ޚާއްޞަކޮށްގެން އިމިގްރޭޝަނާއި ވިސާގެ ގިނަ މަގުތަކެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ ތެރޭގައި ރިޓަޔަރމަންޓް ވިސާއާއި، ދިގު މުއްދަތުގެ ރެސިޑެންޓް ވިސާގެ އިތުރުން ޝަރުތުހަމަވާ ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ޚާއްޞަ އެހެނިހެން ޕްރޮގްރާމްތައް ހިމެނެއެވެ. ބެންކޮކާއި ޗިއަންގް މައި، ޕުކެޓް އަދި ޕަޓާޔާ ފަދަ މަންޒިލްތަކަކީ ރިޓަޔަރީންނާއި، ވިޔަފާރިވެރިންނާއި، ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޢާއިލާތައް ޝައުޤުވެރިކުރުވާ ތަންތަނެވެ.
ތައިލެންޑުން ދައްކުވައިދެނީ އެކި ބޭނުންތަކުގައާއި ތަފާތު މުއްދަތުތަކަށް އަންނަ ފަތުރުވެރިން ޝައުޤުވެރިކުރުވައިގެން، ސިންދަފާތު (ޑައިވަރސް) ފަތުރުވެރިކަމުގެ އިޤްތިޞާދެއް ޤައުމެއްގައި ތަރައްޤީކުރެވިދާނެ ގޮތެވެ.


4. ސްޕެއިން
ކޮސްޓާ ޑެލް ސޯލް އަދި ބައިނަލްއަޤްވާމީ ރެސިޑެންޝަލް މުޖުތަމަޢުތައް ސްޕެއިންގެ ކޮސްޓާ ޑެލް ސޯލް ތަރައްޤީވެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ މައިގަނޑު ރެސިޑެންޝަލް އަދި ދެވަނަ ގޭގެ (ސެކަންޑް-ހޯމް) މަންޒިލެއްގެ ގޮތުގައެވެ. ބައިނަލްއަޤްވާމީ ރައްޔިތުންނާއި ދެވަނަ ގޭގެ ވެރިން ވަނީ ރިއަލް އެސްޓޭޓް ތަރައްޤީކުރުމާއި، ރެސްޓޯރެންޓްތަކާއި، ރީޓެއިލް ވިޔަފާރިތަކާއި، ގޮލްފް ކޯސްތަކާއި، ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އެހެނިހެން ޚިދުމަތްތައް ކުރިއެރުވުމަށް އެހީތެރިވެދީފައެވެ. މި ސަރަޙައްދުން ދައްކުވައިދެނީ، ހަމައެކަނި ޢާންމު ހޮޓާ-ބިނާވެފައިވާ މޮޑެލްއިން ބޭރުން، ފުޅާ ދާއިރާއެއްގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ރެސިޑެންޝަލް އިޤްތިޞާދަކަށް ފަތުރުވެރިކަން ފުޅާކުރެވިދާނެ ގޮތެވެ. އެހެންނަމަވެސް، ސްޕެއިނުން މުހިންމު ފިލާވަޅެއްވެސް ލިބިދެއެވެ: ގެދޮރުގެ އަގުތައް އިންތިހާއަށް އުފުލުމާއި، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވުމާއި، އަދި ދާއިމީ ރައްޔިތުންނާއި ވަގުތީ ރައްޔިތުންގެ މެދުގައި ޖެހޭ މައްސަލަތައް ހުއްޓުވުމަށްޓަކައި، ރެސިޑެންޝަލް ޓޫރިޒަމް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހެއެވެ.


ރެސިޑެންޝަލް ޓޫރިޒަމަކީ އިޤްތިޞާދީ ގޮތުން މުހިންމު އެއްޗަކަށް ވަނީ ކީއްވެގެން؟
ރެސިޑެންޝަލް ޓޫރިޒަމްގެ އެންމެ ބޮޑު ޤާބިލިއްޔަތުކަމެއް އޮތީ، ފަތުރުވެރިކަމާ ގުޅުންހުރި ޚަރަދުތައް އިޤްތިޞާދުގެ އެކި ދާއިރާތަކަށް ފެތުރިގެންދާ ގޮތަށް ބަހާލުމުގެ ކުޅަދާނަކަމުގައެވެ.
1. ބޭރުގެ ކެޕިޓަލް އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް
ބައިނަލްއަޤްވާމީ ރައްޔިތުން ދިރިއުޅޭނެ ގެދޮރު ގަތުމާއި ކުއްޔަށް ހިފުމުގެ އިތުރުން، ވިޔަފާރިތަކަށް އިންވެސްޓްކޮށް، ޢިމާރާތްކުރުމަށާއި، ފަރުނީޗަރު ހޯދުމަށާއި އަދި މަރާމާތުކުރުމަށް ފައިސާ ޚަރަދުކުރެއެވެ. އިންވެސްޓްމަންޓްތައް ރަނގަޅު އުޞޫލުތަކަކުން ރެގިއުލޭޓްކޮށް، ޤައުމީ އިޤްތިޞާދަށް އޭގެ ފައިދާ ކުރާނަމަ، މީގެ ސަބަބުން ރިއަލް އެސްޓޭޓް އަދި ކޮންސްޓްރަކްޝަން ދާއިރާތަކަށް ދިރުން ލިބިގެންދާނެއެވެ.

2.ދިގު މުއްދަތުގެ އަދި މެދުކެނޑުމެއްނެތް އިޤްތިޞާދީ ޙަރަކާތް
ޢާންމު ފަތުރުވެރިކަމަކީ ވަކި މޫސުންތަކަކަށް ބިނާވެފައިވާ އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރަށް އަންނަ ބަދަލުތަކުގެ އަސަރު ފަސޭހައިން ފޯރާ އެއްޗެކެވެ. ރެސިޑެންޝަލް ޓޫރިޒަމުން މެދުކެނޑުމެއްނެތް ޚަރަދުތަކެއް އުފެއްދިދާނެއެވެ. ސަބަބަކީ، ދިގު މުއްދަތަކަށް ތިބޭ ފަރާތްތަކުން އެމީހުންގެ ދިރިއުޅުމުގެ ކަންކަން އެތަނުގައި ބަލަހައްޓަމުން ގެންދިއުމާއެކު، ދިގު މުއްދަތަކަށް މުދަލާއި ޚިދުމަތްތައް ބޭނުންކުރަމުންދާތީއެވެ.

3 ވަޒީފާގެ ފުރުޞަތުތައް އުފެއްދުން
ރެސިޑެންޝަލް މުޖުތަމަޢުތަކަށް ތަފާތު ގިނަ ޚިދުމަތްތަކެއް ބޭނުންވެއެވެ. އޭގެ ތެރޭގައި ޕްރޮޕަޓީ މެނޭޖްމަންޓް، މަރާމާތުކުރުން، ސާފުކުރުން، ސެކިއުރިޓީ، ދަތުރުފަތުރު، ޞިއްޙީ ޚިދުމަތް، ކާބޯތަކެތި ފޯރުކޮށްދިނުން އަދި ރީޓެއިލް ވިޔަފާރިތައް ހިމެނެއެވެ. މީގެ ސަބަބުން ޢާންމު ހޮޓާ ހިންގުމުގެ ދާއިރާއިން ބޭރުން ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދިގެންދެއެވެ.

4. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުން
ބައިނަލްއަޤްވާމީ ރައްޔިތުން ޤަވާޢިދުން އެ ސަރަޙައްދުތަކުގެ ސުޕަމާކެޓްތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ފާމަސީތަކާއި، ދަތުރުފަތުރުގެ ޚިދުމަތްތަކާއި، ބިއުޓީ ސެލޫންތަކާއި، ފިޓްނަސް ސެންޓަރުތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގެ ޚިދުމަތް ހޯދައެވެ. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދާއިމީ ކަސްޓަމަރުންގެ ބޭސްއެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

5.އިޤްތިޞާދު ސިންދަފާތުކުރުން (ޑައިވަރސިފިކޭޝަން)
ރެސިޑެންޝަލް ޓޫރިޒަމްގެ ސަބަބުން ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓާއި، ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި، މާލީ ޚިދުމަތްތަކާއި، އަދި ކޮންސްޓްރަކްޝަން ދާއިރާގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރެވިދާނެއެވެ. މިގޮތަށް ފުޅާ ދާއިރާއެއްގައި އިޤްތިޞާދީ ގޮތުން ބައިވެރިވުމަކީ ހަމައެކަނި އެއް ފަތުރުވެރިކަމުގެ އުފެއްދުމަކަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވ

ރެސިޑެންޝަލް ޓޫރިޒަމާއި ދިވެހިރާއްޖެ
ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ލަގްޒަރީ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ޤާއިމުވެފައިވާ ޤައުމެކެވެ. ރާއްޖޭގެ ޤުދުރަތީ ވެއްޓާއި، ޖޯގްރަފީގެ ޚާއްޞަކަމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިފައިވާ މެހެމާންދާރީގެ ނަމާއި، އަދި ޓްރޮޕިކަލް ދިރިއުޅުމުގެ ވައްޓަފާޅިއަކީ ދިގު މުއްދަތަކަށް ރާއްޖޭގައި މަޑުކުރަން ބޭނުންވާ ބައިނަލްއަޤްވާމީ ދަތުރުވެރިން ޝައުޤުވެރިކުރުވުމަށް ލިބިފައިވާ މުހިންމު ފައިދާތަކެކެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑެލް ޒަމާނުއްސުރެ ބޮޑަށް ބިނާވެފައި އޮންނަނީ ރިސޯޓުތަކުގެ އެކޮމޮޑޭޝަނަށާއި، ގެސްޓްހައުސްތަކަށާއި، އަދި ކުރު މުއްދަތުގެ ޗުއްޓީ ދަތުރުތަކަށެވެ. ރެސިޑެންޝަލް ޓޫރިޒަމް ނުވަތަ ވަޒަންވެރިވެ ދިރިއުޅޭ ފަތުރުވެރިކަމަކީ މިހާރު ޤާއިމުވެފައިވާ މި ޞިނާޢަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވިދާނެ ކަމެކެވެ. ޚާއްޞަ ބައިނަލްއަޤްވާމީ ގްރޫޕްތައް ރާއްޖެއަށް ޝައުޤުވެރިކުރުވުމަށްޓަކައި، ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ބަލަހައްޓާ ރެސިޑެންޝަލް ޓޫރިޒަމް އޮނިގަނޑެއް އެކުލަވާލުމުގެ ފުރުޞަތު ރާއްޖެއަށް އެބައޮތެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *