މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ ހުޅުދޫގައި އެ ކުންފުނީގެ އާ މަސްފިހާރައެއް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައެވެ. މި އަހަރުގެ ތެރޭގައި މީގެ ކުރިން އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލައް ސިޓީގައި ވެސް ވަނީ މިފްކޯގެ ފިހާރަތައް ހުޅުވާފައެވެ. މީގެއިތުރުން މާލޭގައި ދެ ފިހާރަ އަދި ހުޅުމާލޭގައި ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ އާންމުންނަށް ޚިދުމަތް ދެމުންނެވެ. ހުޅުދޫގައި ރޭ ހުޅުވުނު ފިހާރައަކީ މުޅި ރާއްޖޭގައި ހުޅުވުނު މިފްކޯގެ 8 ވަނަ މަސްފިހާރައެވެ.

ހުޅުދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އަދި މީދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، ހުޅުދޫގައި މި ފިހާރަ ހުޅުވުމަށް ނިންމީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދުގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ރައްޔިތުން ދިރިއުޅޭ ސަރަހައްދު ދުރުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ މި ފިހާރަ ހުޅުވުމުގެ މައިގަނޑު އެއް މަގުސަދެވެ.

މިއަދު އަޅުގަނޑުމެން މި އިޖާބަދެނީ ރައްޔިތުންގެ އެ އެދުމަށް. އެގޮތުން، ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް، ރަށުގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ހުޅުވުނު ފިހާރައަކީ، ރައްޔިތުންގެ އެދުމަށް ދެވުނު އަމަލީ ޖަވާބެއް ކަމުގައި ދެކެން،

އަނަސް

އަނަސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި ފިހާރައެއް ހުޅުވުމަކުން ކުންފުނީގެ މަސައްކަތް ނިމުނީއެއް ނޫނެވެ. އޭނާ ވިދާޅުވީ މި ފިހާރަތަކަށް ބޭނުންވާ މިފްކޯގެ އުފެއްދުންތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އައްޑޫ ސިޓީގައި 'ލޯކަލް ޕްރޮޑަކްޝަން ހައުސް' އެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ރޭވި، ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ފިހާރަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި ފޯރުކޮށްދެވި، އެ ސަރަހައްދުގެ އިގްތިސާދަށް އިތުރު ދިރުމެއް ލިބި ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

ހުޅުދޫއަކީ އާންމުކޮށް ގޭގޭގައާއި ކުދި ވިޔަފާރިތަކުގައި ހެދިކާ ހެދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށް ވުމާއެކު، އަލަށް ހުޅުވުނު ފިހާރައިގެ ސަބަބުން އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މިފްކޯގެ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު ހެޔޮ އަގުގައި ލިބިގެންދާނެއެވެ.

މިފްކޯގެ ވިޔަފާރީގެ ވިއުގަ ފުޅާކުރުމުގެ އަމާޒަކީ، އެ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ރައްޔިތުންނާ ހަމައަށް މެދުނުކެނޑި، އިތުބާރާއެކު ފޯރުކޮށްދިނުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *