ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ "ވަރަ އެކްސްޕޯ 2026″ ގެ ފަހު ދުވަހާ ހަމައަށް އައިއިރު، އެމްޓީސީސީގެ ސްޓޯލުން ޒުވާނުންނަށާއި ވަޒީފާ ހޯދާ ފަރާތްތަކަށް ގިނަގުނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ.

މި މަހުގެ 26 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްޤީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ އެކްސްޕޯތަކަކީ އެކަމަށް އެޅޭ ވަރަށް މުހިންމު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި އިވެންޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެކްސްޕޯ ފެށުނު ދުވަހުން ފެށިގެން އެމްޓީސީސީގެ ޓީމުން ދަނީ އެ ކުންފުނީގެ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލައި، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ދާއިރާގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކުރަމުންނެވެ. ޚާއްސަކޮށް، މުސްތަޤުބަލުގައި އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށާއި، ދަރިވަރުންގެ އިތުރުން ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޓީސީސީގެ ސްޓޯލުން ގިނަ މަޢުލޫމާތުތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

މިގޮތުން، އެމްޓީސީސީގައި ހުރި ކެރިއަރ ފުރުސަތުތަކާއި، ޕްރޮފެޝަނަލްކޮށް ކުރިއަށް ދެވިދާނެ ދާއިރާތަކުގެ އިތުރުން، އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި ހުރި ތަފާތު ވަޒީފާތަކުގެ ތަފުސީލު އެމްޓީސީސީގެ ޓީމުން ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރަމުންދެއެވެ.

މިއަދަކީ މި އެކްސްޕޯގެ އެންމެ ފަހު ދުވަސް ކަމަށްވުމާއެކު، އެމްޓީސީސީގެ އޮޕަރޭޝަންތަކާ ބެހޭ މަޢުލޫމާތު ހޯދައި، އެ ކުންފުންޏާއެކު އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކުން ވެސް  އެމްޓީސީސީގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން ދަޢުވަތު އަރުވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *