ސްޓަރ ބަކްސް ބިރުގަންނުވާލި މެެލޭޝިޔާގެ ޒޫސް ކޮޕީ

އެއީ މީގެ ފަސް އަހަރު ކުރިން މި ކޮފީ ބްރޭންޑަކީ މެލޭޝިޔާގެ ކުއަލަލުމްޕޫރުގައި ކުޑަކުޑަ ކިއޮސްކްއަކުން ފެށި ވިޔަފާރިއެކެވެ. މިއަދު "ޒޫސް" ކޮފީއަކީ މުޅި އެ ގައުމުގެ އެންމެ ބޮޑު ކޮފީ ޗެއިން އޮޕަރޭޓަރެވެ.

ދެހާސްނަވާރަ ވަނަ އަހަރު މި ވިޔަފާރި ފުރަތަމަ ފަށާފައިވަނީ ކޭއެލް ސިޓީ ސެންޓަރުގައި ބެހެއްޓި 200 އަކަފޫޓުގެ ކިއޮސްކެއްގަ އެވެ. ފެށުނީއްސުރެ މި ވިޔަފާރިން އަމާޒުކޮށްފައިވަނީ އަތްފޯރާ އަގެއްގައި މީރު ކޮފީގެ ރަހަތައް އާންމުންނަށް ފޯރުކޮށްދިނުމަށެވެ

ޒޫސް ކޮފީގެ އުފެއްދި ސްޓާޓްއަފް ވިޔަފާރިވެރިން ވެނޮން ޓިއަން އަދި އިއަން ޗުއާ ދެކޭ ގޮތުގައި މީރު ކޮފީއަކީ އަތްފޯރާ ފަށުގައި ހުންނަން ޖެހޭ އެއްޗެކެވެ. އެއީ ލަގްޒަރީއެއް ނޫނެވެ. މި ބްރޭންޑުގެ އެންމެ މަޝްހޫރު ކޮފީ ޑްރިންކްތަކުގެ ތެރޭގައި އައިސް ސްޕެނިޝް ލާޓޭ, ބަޓާކްރީމް ލާޓޭ ފަދަ ހާއްސަ ބުއިންތައް ހިމެނެ އެވެ.

ކޮފީ ޑްރިންކްގެ އިތުރުން ނޮން ކެފެއިނޭޓެޑް ޑްރިންކްސް ވެސް އަދި ޕޭސްޓްރީ އަދި ސޭންޑްވިޗް، މެލޭޝިއާގެ ހާއްސަ ކެއުމެއް ކަމަށްވާ ނާސިލެމަކް ފަދަ ބާވަތްތައް ވެސް ޒޫސްއިން ލިބެ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ޒޫސް ކޮފީއިން ވަނީ މުޅި ގައުމުގައި 550 އައުޓްލެޓް ހުޅުވާލާފަ އެވެ. މި ވިޔާފާރި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިތުރު ފަސް ޕަސެންޓް ގެ ކުރިއެރުމެއް އަންނާނެ ކަމަށް ވަނީ ކަމާ ބެހޭ މާހިރުން ލަފާކޮށްފަ އެވެ. މިއަދު ޒޫސް ކޮފީގެ ޓީމުގައި 2،500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ޒޫސް ކޮފީއިން ކޮފީ ބީންސް ގެންނަނީ ބްރެޒިލްއިންނެވެ. ނަމަވެސް ރޯސްޓްކުރަނީ އަމިއްލައަށެވެ.

އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި މި ބްރޭންޑް ފުޅާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ވިޔަފާރީގެ ހާއްސަ މޮޑެލް އަދި ކޮވިޑްގެ ހާލަތު ހިމެނެ އެވެ. މި ވިޔަފާރި އެންމެ ފުރަތަމަ ވެސް ހާއްސާކޮށްފައި ވަނީ އެޕް ބޭސްޑް (އޮންލައިންކޮށް އެޕެއް މެދުކޮށް އޯޑަރު ކުރެވޭ ގޮތަށެވެ. މި އެޕުން ޑެލިވަރީ އަދި ޕިކްއަޕްގެ ހިދުމަތް ވެސް ދޭ ގޮތަށެވެ. މިއީ އޭރު މެލޭޝިޔާގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ.

ކޮވިޑަށް ފަހު މި ޚިދުމަތް އާދަޔާ ޚިލާފަށް ރަނގަޅު ވެގެން އައެވެ.

ޒޫސް ކޮޕީ މިހާރު ވަނީ ފިލިޕީންސާއި ސިންގަޕޯރއަށް ވެސް ފުޅާކޮށްފައެވެ. މި އުފެންދުންތަކުގެ އަގު ސްޓަރ ބަކްސްއަށްވުރެ ހެޔޮވުމާއި ރަހަ ރަނގަޅު ކަމުން ޒުވާނުންނާއި ވިޔަފާރި އާބާދީގެ ތެރޭގައި މި ކޮޕީގެ މަގުބޫލުކަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.