ލަންކާގެ ސަރަހައްދަށް ވަދެ އުޅުނު އިންޑިއާގެ މަސްބޯޓެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އިންޑިއާގެ މަސްވެރިން ތަކަކަށް އަނިޔާވެއްޖެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޮޓް ކޮށްފައިވާ ގޮތުން އެ ހާދިސާ ހިނގާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ޖަފްނާގެ ވަލްވައްޓިތުރާއީ ކައިރިން ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ މަސްބޯޓެއް ވަދެ އުޅެނިކޮށް ލަންކާ ނޭވީގެ ނޮދަން ނޭވަލް ކޮމާންޑުން އެ މަސްބޯޓް ހިފަހަށްޓަން އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާގައި އިންޑިއާގެ މަސްބޯޓްން ލަންކާގެ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވުމުން ބާރުގެ ބޭނުންކޮށްގެން އިންޑިއާގެ މަސްބޯޓަށް އަރާފައިވާ ކަމަށާއި އެއާއެކު އިންޑިއާގެ މަސްވެރިން ވަނީ ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް ހަމަލާދީ، ކަނޑުގެ ސިފައިންގެ އޮފިސަރެއްގެ އަތުން ފިސްތޯލައެއް ފޭރިގަންނަން މަސައްކަތްކޮށް ކަނޑުގެ ސިފައިންގެ ޓީމުގެ މެމްބަރުން ފުރާނައަށް ނުރައްކާކޮށްފައި ކަމަށް ލަންކާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ރިޕޯޓްކޮސްފައިވެއެވެ.
އެ ހާދިސާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އިންޑިޢާގެ 2 މަސްވެރިއަކަށް އަނިޔާވެ ޖަފްނާ ޓީޗިން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށްވެސް ލަންކާގެ ނޭވީއާއި ހަވާލާދީ ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

