ދެ ސަރުކާރުގެ ދެމެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމުގައި އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) މެކޭނިޒަމްގެ އިތުރަށް އިންޑިއާގެ ރުޕީސް އާއި ދިވެހި ރުފިޔާ ވެސް ބޭނުން ކުރެވޭނެ ގޮތް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން މިއަދު ހަމަޖައްސައިފި ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އެކަމާ ގުޅޭ ފްރޭމްވޯކް ގާއިމުކުރުމަށްޓަކައި އާރުބީއައި އާއި ދިވެހި މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ ނޮވެމްބަރު 2024ގައި އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފަ އެވެ. އޭރު ދެ ސަރުކާރުންވެސް ބުނެފައިވަނީ އެކަމަށް ވީއެންމެ އަވަހަކަށް އަަމަލީ ސިފަ ޖެހިގެން ދިއުމަކީ ދެގައުމުގެ ވެސް ވަރަށް ބޮޑު އެދުމެކެވެ. އެހެންނަަމަވެސް ފައިސާގެ މުއާމަލާތްތަކުގައި ރުޕީސް އާއި ދިވެހި ފައިސާ ބޭނުންކުރުމުގެ ހުއްދަ އާރުބީއައިން ދިނީ މިއަދު އެވެ.
އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އުނދަގޫކަމުން އަރައިގަތުމުގެ ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެއެވެ.
އޭސީޔޫގެ ބައިވެރިންގެ ތެރޭގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބެލަރޫސް، ބޫޓާން، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާގެ މަރުކަޒީ ބޭންކުތައް ހިމެނެ އެވެ.
މިކަމުގެ ސަބަބުން ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކުމަށް މަގުފަހިވެގެންދާނެއެވެ.

