އެއާ ޕާރުސަލްގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ރެޑް ބޮކްސްގެ ޚިދުމަތްތަކާ މެދު ހިތްހަމަ ނުޖެހިގެން އާންމުންގެ ޝަކުވާތައް ގިނަވެއްޖެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ރެޑްބޮކްސް މެދުވެރުކޮށް ގެންނަ ތަކެތި ހަވާލުކުރުމުގައި ރެޑްބޮކްސް އޮފީހުން ޚިދުމަތްދޭ ގޮތާ މެދުވެސް އާންމުން ޝަކުވާ ކުރެއެވެ.
"ކުރިން ޕިކް ޕޯސްޓުން ނެގޭ ގޮތަށް އޮއްވައި މިހާރު ރެޑް ބޮކްސްގެ އަމިިއްލަ އޮފީސްތައް މާލެ އާއި ހުޅުމާލޭގައި ހުޅުވައިގެން ޚިދުމަތް ދޭން ފެށީމަ، ޚިދުމަތުގެ ފެންވަރު ދަށްވެ، ލަސްވެގެން ގޮސްފައިވަނީ،" ރެޑް ބޮކްސް މާލޭ އޮފީހަށް ޕެކޭޖެއް ނަގަން ގޮސް ހުރި ޢަލީ އިސްމާޢީލް ބުންޏެވެ. "މެސެޖްގައި މި ބުނަނީ ދިހަޔަކާ ތިނަކާ ދެމެދު ޕެކޭޖް ދޫކުރާނެއޭ. އެކަމަކު ޕެކޭޖް ބަލާ އައި އިރު ނަންބަރު ހުސްވެއްޖެ ކަމަށް ވަނީ. ވަކި ގަޑިއެއް ދީފަ، އެކަމަކު އެގަޑިއަށް ނުބަލާ ކިޔޫ ނަމްބަރެއް ދީ ނިންމާލީމަ ވަރަށް ބޮޑަށް އޮޅުން ބޮލުން ވެގެން ގޮސްފަ މިއޮތީ. މިތިބީ މިއަދުވެސް ޕެކޭޖް ނަގަން އައިސް ނުނެގި ތިބިހާ މީހުން."
ރޯދަ މަހު މި ޝަކުވާތައް ވަކިން ބޮޑުވެފައިވާކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ވެސް އެނގެއެވެ.
ރެޑް ބޮކްސްއިން ބުނީ އެ ކުންފުނީގެ ޚިދުމަތަށް ރޯދަ މަހު ވަނީ ވަރަށް ބާރު ބޮޑުވެފައި ކަމަށާއި ޝަކުވާ ހުރިނަމަ އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.
މިިހާރު ފާހަގަކުރާ މައްސަލަތައް ހައްލުނުވެ ދިގުލައި ދަނީ ކީއްވެތޯ އެހުމުން ބުނީ، ކުއްލިއަކަށް ކަންކަން ރަނގަޅު ނުކުރެވިދާނެ ކަމަށާއި ކުންފުނިން ބަލަނީ ރައްކާތެރިކަމާއެކު ޕެކޭޖްތައް އޭގެ ވެރިންނާ ހަމައަށް ފޯރުކޮށްދޭން ކަމަށެވެ.

