މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު %35.1 އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 2 މަސްދުވަހާއި އަޅާބަލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ %35.1 އިތުރުވެފައެވެ.
ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ އުފެއްދުންތަކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 14،222 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 10،526 މެޓްރިކް ޓަނުގެ މަހެވެ.
މަހުގެ ހުރިހައި ބާވަތެއްގެ މަހުގެ އެކްސްޕޯޓް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 12،971 މެޓްރިކް ޓަނުގެ ފިނިކުރި ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 8903 މެޓްރިކް ޓަނުގައެވެ. މިއީ %45 ކުރިއެރުމެކެވެ. އަދި މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު 10،402 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 6،466 މެޓްރިކް ޓަނުގެ މަހެވެ.
ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި 2468 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 2420 މެޓްރިކް ޓަނުގެ މަހެވެ.
ނަމަވެސް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު %42 ވަނީ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 750 މެޓްރިކް ޓަނުގެ ދަޅު މަހެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 1306 މެޓްރިކް ޓަނުގެ ދަޅުމަސް އެކްސޕޯޓް ކޮށްފައި ވެއެވެ.

