އުރީދޫ މޯލްޑިވްސްގެ 20ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން "ލިވް އަންލިމިޓެޑް"ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް އިފްތިތާހްކޮށްފިއެވެ. މިކެމްޕޭނަކީ އަހަރުދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ވިދާޅުވެއެވެ.
މިކެމްޕެއިނާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، "ލިވް އަންލިމިޓެޑް ވިތު އުރީދޫ" ކެމްޕެއިންގެ ދަށުން ނެޓްފްލިކްސްގައި އެންމެ މަގުބޫލު ޝޯތައް ސްޓްރީމްކުރުމުގެ އިތުރުން ގޭމްކުޅުމާއި، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަންކުރުމަށް އަންލިމިޓެޑް ޑޭޓާ ލިބޭނެ ކަމަށެވެ.
"އުރީދޫގެ ލިވް އަންލިމިޓެޑަކީ ހަމައެކަނި ޝިޢާރެއް ނޫން. އެއީ ކަސްޓަމަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ކުރާ ވަޢުދެއް. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިބެގެންވެސް، އާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމާއި، މަޖާ ޓީވީ ޝޯތައް ބެލުމާއި، އައު ގޭމްތައް ކުޅުމާއި، އަދި ކިޔެވުމާއި މަސައްކަތްކުރުމަށް ފަސޭހަ ވެގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސްގައި، ދިރިއުޅުން ފުރިހަމައަށް، މިނިވަންކަމާއެކު، އަދި އެއްވެސް ހުރަހެއްނެތި އުޅެވޭނެ މަގު ތަނަވަސްކަށްދިނުން." އުރީދޫގެ ސީސީއޯ ވިދާޅުވިއެވެ.

