މިއަހަރުގެ މާރިޗް މަހު މީރާއަށް އާމްދަނީގެ ގޮތުގައި 3,382,804,020 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ހާމަކުރަމުން އަންނަ މަންތުލީ އިންކަމް އިންކަމް އެންޑް އެކްސްޕެންޑިޗަރ ރިޕޯޓް ގައި ވާގޮތުން މި ދިޔަ އަހަރުގެ މާރިޗް މަހު ދައުލަތަށް ލިބިފައިވަނީ 2,939,601,342 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ މާރިޗް މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 3,382,804,020 ބިލިއަން ރުފިޔާ ލިބިފައިވެއއެވެ. އެހެންކަމުން މި އަދަދަކީ %15.1 ގެ ކުރިއެރުމެކެވެ. އަދި އެރިޕޯޓްގައިވާ ގޮތުން ދައުލަތަށް މާރިޗް މަހު ލިބޭނެ ކަމަށް އަންޒާދާ ކޮށްފައިވާ އަދަދަށްވުރެ %26.2 ގެ ކުރިއެރުމެކެވެ.
މާރިޗް މަހު މީރާއަށް ލިބިފައިވާ އާމްދަނީގެ ތެރެއިން %57 އަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. %11.4 އަކީ ޓޫރިޒަމް ލޭންޑް ރެންޓެވެ. އަދި %8 އަކީ ގްރީންޓެކްސް، %5.3 އަކީ އިންކަމްޓެކްސް އަދި %4.8 އަކީ ލީސް ޕީރިއެޑް އެކްސްޓެންޝަން އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި %4.6 އަކީ އެއާޕޯޓް ދިވެލޮޕްމަންޓް ފީ އެވެ.
މީރާގެ ރިޕޯޓްގައިވާގޮތުން މާރިޗް މަހު ލިބުނު އާމްދަނީގެ ތެރޭގައި އެ އޮތޯރިޓީއަށް 174,226,173 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. މިދިޔަ އަހަރު މާރިޗް މަހު މީރާއަށް ލިބިފައިވަނީ 119,673,857 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މާރިޗް މަހުގެ ނިއަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9,188,466,242 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 8,896,712,499 ބިލިއަން ރިުފިޔާ އެވެ.

