ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ފެށީ ވަރަށް ކުޑަ ގޮތަކަށް އަދި ތަޖުތިބާ އަަކަށެވެ. އެ ޚިދުމަތް އެހާ އަވަހަށް ކާމިޔާބުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމަކަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް މިހާރުގެ ރެކޯޑުތަކުން ފެންނަނީ އުފާވެރި މަންޒަރެކެވެ.
އެ ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ދާދި ފަހުން ވަނީ ބުނެފައެވެ. އެކުންފުނިން މިހެން ވިދާޅުވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓައް 59 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެއިރޯޑްރޯމް މެނޭޖްމަންޓު ޑިޕާޓްމަންޓް އަދި ކަރގޯ ޑިޕާޓްމަންޓުގެ ހެޑް ސީނިއަރ ޖެނެރަލް މެނޭޖަރ މަހްމޫދާ ޝަރީފް ވިދާޅުވީ މީގެކުރިން ކަރގޯގެ ޚިދުމަތް ދެމުންދިޔައީ ވަރަށް ކުޑަ ޖާގައެއްގައިކަމަށެވެ. އެހެންނަމަވެސް އިންޕޯޓް އަދި އެކްސްޕޯޓްގެ ޚިދުމަތް ނިއު ޓާރމިނަލަށް ބަދަލުކުރުމާއި ގުޅިގެން 3 ގުނަ ޖާގަ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މަހްމޫދާ ވިދާޅުވީ މިދިޔަ އަހަރު ތަޢާރަފްކުރި ސީ-ޓު-އެއަރ ކަރގޯ ޚިދުމަތާއެކު ކަރގޯގެ ޚިދުމަތް ވަރަށް ބޮޑުތަނުން ފުޅާވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން ޚިދުމަތް ފެށިތާ އަހަރެއް ނުވަނީސް ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

