ރާއްޖެއަށް އެސެޓް ރިކަވަރީ ގާނޫނެއް އިންތިހާއަށް މުޙިއްމު!

ރާއްޖޭގައި ކޮރަޕްޝަނުގެ ވަރުގަދަ މޫތައް ވަނީ ދުރަށް، މާދުރަށް ފެތުރިފައެވެ. އަދި ފުނަށް ދެމިލާފައެވެ. އެހެންކަމުން އެއްވެސް ސަރުކާރަކަށް އެއްވެސް ދައުލަތަކަށް ރާއްޖެއިން ކޮރަޕްޝަނުގެ މޫތައް ލުހެލެވޭކަށް ނެތެވެ. ޤާނޫނުތައް ހުރި ގޮތުންނާއި ގާނޫނު ތަންފީޒުކުރަންތިބި މީހުން ކޮރަޕްޓްކަމުންނެވެ. ނުހިއްސަރު ކަމުންނެވެ.

ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއްގެ ތެރެއިން ހޯދި މުއްސަނދިކަމާއި ހޯދި މުދާތައް ދައުލަތަށް ނެގުމަށް ދަތިވަނީ ކީއްވެގެން ހެއްޔެވެ؟ މިހާތަނަށް އެފަދަ ކާމިޔާބު ފިޔަވަޅެއް އެޅިފައި އެބައޮތް ހެއްޔެވެ؟ ޖަވާބަކީ ނެތެވެ. ކީއްވެގެން ހެއްޔެވެ؟ ހުއްޖަތަކަށް ދައްކާނީ ގާނޫނެވެ. ގާނޫނުތައް ތަންނުދޭ ވާހަކައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީ އެސެޓް ރިކަވަރީ ގާނޫނެކެވެ. އެމްއެމްޕީއާރްސީ އާއި ކުއްލި އަކަށް މުއްސަނދިވި މީހުންގެ މުދާ ދައުލަތަށް ނެގުމުގައި އޮތް ހުރަހަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި އެނބުރޭ ނޭއްގާނީ އޮއިވަރާއި އެސެޓް ރިކަވަރީ ގާނޫނެއް ނެތުމެވެ.

ކޮރަޕްޝަން މަނާކުރުމާއި ހުއްޓުވުމުގެ ގާނޫނުން އެކަނި މުހިއްމު މައްސަލައަށް ހައްލެއް ނާދެއެވެ. ޖިނާއީ ކަންކަން ކުރިއަށް ދިޔައަސް މަދަނީ ބައި އޮންނަނީ ދޫވެފައެވެ.

ކުށްކޮށްގެން ނުވަތަ ކޮރަޕްޝަނުގެ އަމަލަކުން ހޯދާފައިވާ މުދާކަން އެނގޭއިރުވެސް އެތަކެތީގައި ގާނޫނީ އިމުގެ ތެރެއިން އަތްލާން ބަލާއިރު ހުރަސްތައް އެބަހުއްޓެވެ. އެހެންކަމުން އެކަންކަމަށް ގަދަބާރުދީ، ކަށަވަރު ފިޔަވަޅު އެޅުމުގެ ބާރަކަށް ވާނީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

"ކޮރަޕްޝަން ފައިސާއިން ބިމާއި ގެދޮރު ގަނެފައި އެބަހުރި. އެހެންނަމަވެސް އެތަކެތި ނެގޭނެ ގޮތެއް ނެތް އެސެޓް ރިކަވަރީ ގާނޫނެއް ނެތުމުގެ ސަބަބުން،" ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ނަން ހިނގާ ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން އެފަދަ ގާނޫނެއް ވުޖޫދުކުރަން ބޭނުން ނުވަނީ އެއީ "އެމީހުންގެ ކަރަށްވެސް މެހޭނެ މަޅިއެއް ކަމަށް އެމީހުންވެސް ދެކޭތީ"އެވެ.

"އެހެންވެ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދު ނުވެގެން މިއުޅެނީ. އެހެންނޫނީ މިހާރުވެސް ކީއްވެގެންތޯ އެފަދަ ގާނޫނެއް ހަދައި، ފާސްކޮށް، ތަސްދީދުކޮށް އެކަން ޚަބަރަށް ނުދޭންވީ،" ވަކީލުގެ ޚިޔާލުފާޅުކުރިއެވެ.

އެސެޓް ރިކަވަރ ކުރުމަކީ ދިގު މަރުހަލާއެކެވެ. އެހެންކަމުން އެކަމާ ގުޅިފައިވާ ގާނޫނީ އިޖުރާއަތްތައް ގާނޫނެއްގައި ސާފުކޮށް ލިޔެ އެ ގާނޫނު ތަންފީޒު ވާން ފެށުމުން ރާއްޖޭގެ ވަރަށް ގިނަ ބަޔަކާ ހަމައަށް ގާނޫނުގެ ދިގު އަތް ފޯރާނެއެވެ. އޭރުން ރާއްޖޭގެ މުއްސަނދިކަމުން ވައްކަންކޮށްގެން ބޭރުގައި ގާއިމްކޮށްފައިވާ މުއްސަނދިކަމާ ހަމައަށް ވެސް އެއަތްދާނެއެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *