ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވުޒާރާއަށް މިހާރު އަންގަވާފައިވާ ކަމަށެވެ. އެހެންވެ، މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް، ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މި މައްސަލަ ޙަލުކުރުމަށް އޭއައިއޭގެ މެނޭޖްމަންޓުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މައްސަލަ ސަރުކާރުން އެދިވަޑައިގެންނެވި ތާރީޚަށް ޙައްލުވެގެން ދިޔައީ އައްޑޫގެ ރައްޔިތުން އެކަމަށް ބާރު އަޅައި، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވައި އައްޑޫގެ ރައްޔިތުންނަށްވެސް ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023ވަނަ އަހަރުގައެވެ. އެހެންނަމަވެސް މަގު ހެދުމުގައި ދިމާވި ހުރަސްތަކާއެކު މިމަސައްކަތް ކުރިއަށްނުގޮސް ދިގުލައިގެންދުޔައެވެ. އެގޮތުން، އެއަރޕޯޓު މަޝްރޫޢުގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހުސްނުކުރެވުމުގެ ސަބަބުން އެ ބިން ކޮންޓްރެކްޓަރާ ހަވާލުނުކުރެވި މަސައްކަތް ލަސްވި ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވިއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހާއި ހަމައަށް މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ. އެހެންނަމަވެސް އައްޑޫ އެއަރޕޯޓުގެ މަސައްކަތުގެ ތެރެއިން ވަށައިގެންވާ ރިންގް ރޯޑުގެ މަސައްކަތާއި ޓަރމިނަލްގެ މަސައްކަތް އަދި ނުނިމެއެވެ.
މިއީ އިންޑިއާ އެގްޒިމް ބެންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ 28.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

