މެލޭޝިއާގެ ވިޔަފާރިތަކަށް މަރުހަބާ ކިޔުމަށް ދިވެހިން ތިބީ ތައްޔާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމުގައި ބޭއްވި އިންވެސްޓާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. މި ފޯރަމްގައި ރައީސް މުއިއްޒުގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމްވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެގައުމުގެ ކުރިމަގަށާއި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މެލޭޝިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭން މަރުހަބާ ކިޔަން ތައްޔާރަށް ތިބި ކަމަށެވެ. އަދި އެއީ ހަމައެކަނި ފަތުރުވެރިން ގޮތުގައި ނޫން ކަމަށާއި ޕާޓްނަރުންގެ ގޮތުގައިކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ރާއްޖެ އޮތީ ވިޔަފާރިތަކަށް ހުޅުވާލެވިފަ. އަދި ދިގުމުއްދަތުގެ ޕާޓްނާޝިޕްތަކަށްވެސް ރާއްޖެ އޮތީ ހުޅުވާލެވިފަ."
ރައީސް ވިދާޅުވީ ރާއްޖޭން އިންވެސްޓް ކުރުމުގެ ފުރުސަތުތަކާއި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތުތައްވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން ރައީސް މުއިއްޒު ވަނީ، ޖިއޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި އިންވެސްޓް ކުރެވިދާނެކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސް 5 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

