ދިވެހި ސަރުކާރާއި ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އެމްބީއެސް އިންވެސްޓްމަންޓްސް އާއި ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް ފައިނޭންސް ސެންޓަރ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ހާއްސަ ރަސްމިއްޔާރުގައި އެ ސެންޓަރ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކޮށްފައިވަނީ އެ އިންވެސްޓްމަންޓްގެ ޗެއާމަން، މަރުވާން އަލްހާޖެރީ އެވެ.
އެ މަޝްރޫޢު އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެމްއައިއެފްސީން ބުނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 780,000 އަކަމީޓަރ ގެ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަމަށާއި، މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ޕްލޭންގައި ހިމެނެނީ ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި ހިމެނޭ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެ ކަމަށާއި އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ޘަޤާފީ ތަންތަން ވެސް ހުންނާނެ ކަމަށް އެމްއައިއެފްސީން ބުނެ އެވެ.
މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް އެމްއައިއެފްސީން ލަފާކުރެ އެވެ.

