ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ ތަސައްވުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވުނު މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އިނީޝިއެޓިވްގެ ޚިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީއިން ކަމަށެވެ. އަދި މިއީ ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
”ދިވެހިންގެ ޝަޚްޞު ބިނާވެފައިވަނީ އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާޢީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައި“ ކަމަށް ރައީސް ފާހަގަކުރައްވައި، މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދުކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް މިއީ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް އިފްތިތާޙުކުރެއްވީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ރައީސަށް ވަނީ ”ކޮމިޓްމަންޓް ލެޓަރ“ އެއް އަރުވާފައެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ނޭޝަނަލް މާސްޓަރ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، މި ދާއިރާއަށް ބޭނުންވާ ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

