މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތައް 5.4 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުން ޖުމުލަ 4،880 ދަތުރު ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4،628 ދަތުރެވެ. މީގެ ތެރެއިން ޝެޑިއުލް ދަތުރުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު 4،444 ދަތުރު ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 4،141 ދަތުރެވެ. މިއީ 7.3 އިންސައްތައިގެ އިތުރުވުމެކެވެ.
ނަމަވެސް، ޖެނެރަލް ފްލައިޓް މޫވްމަންޓްސްއަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު މި އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 436 ޖެނެރަލް ފްލައިޓް މޫވްމަންޓްސް ރެކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 487 ޖެނެރަލް ފްލައިޓް މޫވްމަންޓްސް ރެކޯޑުކުރެވިފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 866،462 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ މިންވަރާއެކު، ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު އިތުރުވަމުން އައުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް ސަރުކާރުން ފާހަގަކުރެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

