ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެދި ސިންގަޕޫރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތައް ފޮރިން މިނިސްޓްރީ ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެ އަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ބައެއް ރާއްޖޭގެ މީޑިއާތަކުގައި ޝާއިއުކުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށާއި، ރާއްޖެއާ ގުޅޭ ގޮތުން އެ ކަހަލަ އިލްތިމާސެއް މި ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައި ނުވާކަން އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރުން ކަށަވަރުކޮށް ދީފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫން ކަމަށާއި، ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުން އަންނަ ގައުމުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް، ޚަބަރު ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާ އެކު، މަސައްކަތް ކުރުމަށާއި ހާއްސަކޮށް އެކުވެރި ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފޮރިން މިނިސްޓްރީގެ ބަޔާޏުގައިވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *