ޓެކުހާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި އަށް ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުމުގައި ދެއްވި ކީނޯޓުގައި ޒަމީރު ވިދާޅުވީ ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ ޓެކްސް ނިޒާމު ހަރުދަނާކޮށް، އިންކްލޫސިވް ގްރޯތު އިތުރު ކުރުމާ އެކު ހަމަހަމަކަން ކަށަވަރު ކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައިވާ ކަމަށެވެ.

ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ރާއްޖެއިން ހޮންކޮންގް އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ނެގުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެ، ޓެކުހަށް މަކަރު ހެދުމުގެ ދޮރުތައް ބަންދު ކުރެވޭނެކަން ފާހަަގަކުރި އެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ،" ޒަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި މި ޒިންމާ އަދާކުރުމަށް ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގަ އެވެ. އަދި ގްލޯބަލް ފޯރަމުގެ މެމްބަރެއްގެ ހައިސިއްޔަތުން ގާބިލުކަން އިތުރު ކުރުމާއި އެކުގައި މަސައްކަތް ކުރުމާއި އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *