ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް މާލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތުން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ފެށުމަށްޓަކައި ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އެއާޕޯޓުގެ މަސައްކަތާއި ގުޅުންހުރި އިންޓާނަލް ޕްރޮސެސްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރުވެސް އެއާޕޯޓް ޓާމިނަލްއާއި، ފެންސާއި، ސެކިއުރިޓީއާއި ގުޅުންހުރި ކަންކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މަސައްކަތް ފެށުން ލަސްވި ސަބަބުތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި، ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި، އަދި އެއާޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްސްއަށް އޯޑަރު ކުރުމާއި މިފަދަ ކަންކަމާ ހެދި މަސައްކަތުގައި ލަސްތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ މި އެއާޕޯޓަކީ އުތުރުގެ ރަށްރަށުގެ ދަތުރުފަތުރުގެ މައި ދޮރާށި ކަމަށްވެފައި، މި އެއަރޕޯޓުގެ މަސައްކަތް ފުރިހަމަވެ، ޚިދުމަތްތައް އިތުރަށް ފުޅާވެ ހަމަޖެހުމުން، ހދ. އަތޮޅަށާއި އުތުރުގެ އެހެނިހެން އަތޮޅުތަކުގެ އިގްތިސޯދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

