ޓޫރިޒަމުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުކޮށް ހަދާފައިވާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރަން ޖެހޭތީ އެކަން ފޫބެއްދުމަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓް ރުފިޔާ އިން ދޭން ނިންމައި އެކަން ރަސްމީކޮށް އަންގައިފިކަން އެނގިއްޖެއެވެ.
އެ އެންގުމުގައިވާ ގޮތުން އަންނަ ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ވެސް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެހި ފައިސާއިންނެވެ. އެކަމަކު، ބާކީ 80 ޕަސެންޓަށް ވާ މުސާރަ އަދިވެސް މުވައްޒަފުންނަށް ދޭނީ ޑޮލަރުން ކަމަށް ޓީއެމްއޭގެ އެންގުމުގައި ވެ އެވެ.
ނަމަވެސް އެ ނިންމުމާ ހިތްހަމަނުޖެހިގެން، ނިންމުން ބަދަލު ކުރުމަށްޓަކައި އެ ކުންފުނީގައި މަސައްކަތްކުރާ ޕައިލެޓުން ވަނީ މެނޭޖްމެންޓާ ވެސް ބައްދަލުކޮށްފަ އެވެ. އަދި ސަރުކާރާ ވެސް ބައްދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 150 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެ އެވެ. އެކުންފުނީގެ ދަށުން މަސައްކަތް ކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.

