ދުބާއީގެ މަޝްހޫރު ޖެޓެކްސް ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަޅަނީ އެ ކުންފުނިން އަމިއްލައަށް އަޅާ ޓާމިނަލެއްކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ ޖެޓެކްސްއިން މި ޓާމިނަލް އެޅުމަށް ހުށަހެޅި ޕްރޮޕޯސަލް ލީކުވުމާ ގުޅިގެންނެވެ.
ޖެޓެކްސްއިން ހުށަހެޅި ޕްރޮޕޯސަލްގައި ވަނީ އެ ކުންފުނިން އަމިއްލައަށް ހަރަދުކޮށްގެން ރާއްޖޭގައި 50 މިލިއަން ޑޮލަރުގެ އާ ޕްރައިވެޓް ޖެޓް ޓާމިނަލްއެއް އެޅުމަށް ހުށަހަޅާފަ އެވެ. މި ހުށަހެޅުމުގައި ބުނެފައިވަނީ އެ ޓާމިނަލަށް ބޭނުންވާ އިކުއިޕްމެންޓްސްވެސް ހޯދާނީ ޖެޓެކްސްއިން ކަމަށެވެ.
ޖެޓެކްސްއިން މި ޓާމިނަލް އެޅުމަށްޓަކައި އެ ކުންފުންޏަށް އެމްއޭސީއެލް އިން 10،000 އަކަފޫޓުގެ ބިމެއް ދޭން މި ޕްރޮޕޯސަލްގައި ހުށަހަޅާފައިވެ އެވެ. އަދި މި ޓާމިނަލް ހިންގާނީ ޖެޓެކްސްއާއި އެމްއޭސީއެލް ގުޅިގެންކަމަށްވެސް ބުނެފައިވެ އެވެ.
ޕްރައިވެޓް ޖެޓްތަކަށް ހިދުމަތް ދިނުމަށް އަޅަން ނިންމާފައިވާ މި ޓާމިނަލް ހިންގާނީ އެމްއޭސީއެލްއާ ގުޅިގެންކަމަށް ޖެޓެކްސްގެ ޕްރޮޕޯސަލްގައި ބުނެފައިވެ އެވެ. އަދި އެ ޓާމިނަލުން ލިބޭ ފައިދާގެ 55 އިންސައްތަ ލިބޭނީ އެމްއޭސީއެލްއަށްކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މި ޕްރޮޕޯސަލްގައި ވަނީ މި ޓާމިނަލް އަޅައި 25 އަހަރަށް ކުއްޔަށް ދޫކުރުމަށް ހުށަހަޅާފަ އެވެ.
ޕްރޮޕޯސަލްއިން ފާހަގަ ކުރެވޭ އެހެނިގެން ކަންކަން
ގްރައުންޑް ހޭންޑްލިން ސަޕޯޓް ދޭނީ އެމްއޭސީއެލްއިން
ރޭމްޕް ހިދުމަތް ފަދަ ހިދުމަތްތައް ދޭނީ އެމްއޭސީއެލްގެ މުވައްޒަފުން
ޖެޓްތަކަށް ތެޔޮ އެޅުމުގެ ހިދުމަތް ދޭނީ އެމްއޭސީއެލްއިން
ޕާކިން ފީ އާއި މިނޫން ވެސް ފީތައް ޖެޓެކްސް އިން އެމްއޭސީއަށް ދައްކާނެ
ޖެޓެކްސްއިން ވަނީ ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތާއި މާކެޓިން ޕްރޮމޯޝަންގެ މަސައްކަތުގެ އިތުރުން ލަގްޒަރީ ޓްރާންސްޕޯޓްގެ ހިދުމަތް ދޭނީ އެކުންފުނިންކަމަށް ބުނެފަ އެވެ. މި ޕްރޮޕޯސަލްއިން ފާހަގަވާ ގޮތުގައި މި ޓާމިނަލް އަޅައިފިނަމަ ޓާމިނަލް ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އެމްއޭސީއެލް އަތުގަ އެވެ. އަދި ޖެޓެކްސްއަށް ކުއްޔަށް ދޫކުރާ 25 އަހަރުގައިވެސް އެ ޓާމިނަލް ހިންގާނީ އެމްއޭސީއެލްއާ ގުޅިގެންނެވެ.

