ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު އެސެޓް ކަމަށާއި، އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އައު ޓަރމިނަލް މަޝްރޫޢު ނިމި އޮޕަރޭޝަން ފެށުމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ބާ ރަންވޭ ރީސަރފިސްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި، މިނޫންވެސް އެހެނިހެން މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓްގެ ތަރައްޤީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ޙައްޤު ތަޢުރީފު އެ ބޭބޭފުޅުންނަށް ދޭންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައިވާ ތަނެއް ކަމަށެވެ.

