ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އިއްޔެ މީރުމާގޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަބްދުﷲ ރާފިއު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.
މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ. މިފަހަރު ހަވާލުކުރެވުނު 71 ރަށާއެކު، މިހާތަނަށް ޖުމްލަ 102 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރެވިފައެވެ.
ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަހަރާއި އަންނަ އަހަރު އިތުރު 41 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިގެންދާނެއެވެ. މީގެ އިތުރުން، ސަރުކާރުން ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ރަށްރަށުގައި އެކި ބާވަތުގެ ކުޅިވަރު މަޝްރޫއުތަކެއް ކުރިއަށް ގެންދެއެވެ.
އެގޮތުން ރަށްރަށުގައި ފުޓްސަލް ދަނޑުތަކާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމާއި، ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުން ފަދަ މަޝްރޫއުތައް ހިންގަމުން ގެންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
