ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވި އިލެކްޓްރިކް އުޅަނދުފަހަރުގެ މައުރަޒުގައި، ދުނިޔޭގެ އެންމެ ބާރަށް ދުވާ އިލެކްޓްރިކް ކާރާއި ތިން ފުރޮޅުލީ އިލެކްޓްރިކް ސައިކަލު އަދި އިލެކްޓްރިކް ބަސްފަދަ އެންމެފަހުގެ އީޖާދުތައް ތައާރަފްކޮށްފިއެވެ. މި މައުރަޒު ބޭއްވީ ސައުދީގެ ވިޝަން 2030 ގެ ދަށުން، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަށާއި، ރިޔާޟްގެ އުޅަނދުފަހަރުގެ 30 އިންސައްތަ 2030 ގެ ނިޔަލަށް އިލެކްޓްރިކަށް ބަދަލުކުރުމުގެ އަމާޒު ހާސިލްކުރުމަށެވެ.

އަލް-އިގްތިސާދިއްޔާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައުރަޒުގެ ހަތަރުވަނަ އެޑިޝަން އިންތިޒާމް ކުރެވުނީ ވިޝަން 2030 ގެ ތެރެއިން ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރު ތަރައްގީކުރުމަށްޓަކައެވެ. މިއީ ރިޔާޟްގެ ވައި ތަޣައްޔަރުވުން 50 އިންސައްތަ ދަށްކުރުމަށް ސައުދީން ގެންގުޅޭ ބޮޑު ސްޓްރެޓެޖީގެ ބައެކެވެ. އިލެކްޓްރިކް އުޅަނދުފަހަރުގެ ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މާކެޓްގައި އުފެއްދުންތައް އިތުރުކުރުމުގެ މަޝްވަރާތަކަށް މި މައުރަޒުން ފުރުސަތު ހުޅުވައިދިނުމުގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ ސައުދީ ރައްޔިތުންގެ ހުނަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް އަލިއަޅުވައިލެވުނެވެ.

މައުރަޒަށް ޒިޔާރަތްކުރި ފަރާތްތަކަށް ފެނިގެންދިޔައީ، ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި އެންމެފަހުގެ އީޖާދުތައް ދައްކުވައިލުމުގައި ވަރުގަދަ ވާދަވެރިކަމެކެވެ. މި ވާދަވެރިކަން އޮތީ ހަމައެކަނި އުޅަނދުގެ ބާރުމިނަށް ނޫންކަން ފާހަގަކުރެވުނުއިރު، އުޅަނދުފަހަރަށް ހަކަތަ ފޯރުކޯށްދިނުމުގެ ގޮތްތަކާއި އެހެނިހެން ގާބިލިއްޔަތުތައް ވެސް ހިމެނެއެވެ. މިއީ މުސްތަގުބަލުގެ ދަތުރުފަތުރަށް ބޭނުންކުރާ ހަކަތަ، ޕެޓްރޯލާއި ޑީސަލުން އިލެކްޓްރިސިޓީއަށް ބަދަލުވެފައިވާކަން ހާމަކޮށްދިން ކަމެކެވެ.

މައުރަޒުގައި ވަނީ ގިނަ އަދަދެއްގެ އާ އުޅަނދުފަހަރު ރަސްމީކޮށް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި "ބާކޯ މޯޓަރސް" އިން ތައާރަފްކުރި، "ބާކޯ ބީ1″ ނަމަކަށް ކިޔާ ތިން ފުރޮޅުލީ އިލެކްޓްރިކް ސައިކަލެއް ހިމެނެއެވެ. މި ސައިކަލް ފަރުމާކޮށްފައިވަނީ "ލާސްޓް-މައިލް ޑެލިވަރީ ސަރވިސް" ތަކަށް އަމާޒުކޮށެވެ. މި އުޅަނދުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލުން ދުވާލަކު 50 ކިލޯމީޓަރަށް ދަތުރުކުރުމަށް ބޭނުންވާ ހަކަތަ އުފައްދާނެއެވެ. މީގެ އިތުރުން، 2،000 ލީޓަރުގެ މުދާ އުފުލުމުގެ ގާބިލިއްޔަތު ހުރުމާއެކު، ދެމެހެއްޓެނިވި ފްލީޓެއް ބޭނުންވާ ލޮޖިސްޓިކް ކުންފުނިތަކުގެ ބޭނުންތައް ފުއްދައިދޭނެއެވެ.

މީގެ އިތުރުން، ފުރަތަމަ ފަހަރަށް ދައްކާލި"އޯލް-ޓެރެއިން އެސް.ޔޫ.ވީ" އުޅަނދެއް ކަމަށްވާ "ރޮކްސް އާދަމާސް" އާއި، "ލޫސިޑް މޯޓަރސް" އިން ތައާރަފްކުރި "ގްރެވިޓީ އެސް.ޔޫ.ވީ" ވެސް މައުރަޒުގައި ހުށަހަޅާފައިވެއެވެ. "ގްރެވިޓީ އެސް.ޔޫ.ވީ" އަކީ 700 ކިލޯމީޓަރަށް ވުރެ ދިގު ރޭންޖެއްގައި ދުއްވޭ، އަދި އެޑްވާންސް ޑްރައިވަރ އެސިސްޓެންސް ޓެކްނޮލޮޖީތަކުން ފުރިހަމަކުރެވިފައިވާ އުޅަނދެކެވެ. އަދި، "ޑޭން މޯޓަރސް" އިން ތައާރަފްކުރި "ސީޖީ150″ ސައިކަލަކީ 149 ސީސީ އިންޖީނަކާއި ފަސް ސްޕީޑް ޓްރާންސްމިޝަނެއް ހުންނަ، ގަޑިއަކު 95 ކިލޯމީޓަރު ބާރުމިނުގައި ދުއްވޭ، 11.5 ލީޓަރުގެ ތެޔޮޓެންކެއް އަދި 265 ކިލޯގްރާމްގެ މުދާ އުފުލުމުގެ ގާބިލިއްޔަތު ހުންނަ ސައިކަލެކެވެ.

އިލެކްޓްރިކް އުޅަނދުފަހަރަށް ބަދަލުވަމުންދަނީ، ގައުމީ އުފެއްދުންތަކަށް ކުރެވޭ ބޮޑެތި އިންވެސްޓްމެންޓްތަކާއި، މި އުޅަނދުފަހަރަށް އާންމުންގެ އިތުބާރު އިތުރުވަމުންދާ ކަމުގެ ސަބަބުންނެވެ. މާކެޓް ދިރާސާތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 40 އިންސައްތަ މީހުން އަންނަ ތިން އަހަރުގެ ތެރޭގައި އިލެކްޓްރިކް އުޅަނދެއް ގަތުމަށް ރާވާފައިވެއެވެ.

މައުރަޒުގައި މުހިންމު ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެވުނީ، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގައި ހޯދާފައިވާ ކުރިއެރުމެވެ. "ލޫސިޑް މޯޓަރސް" ގެ ރީޖަނަލް ޕްރެޒިޑެންޓް ފައިސަލް ސުލްތާން ވިދާޅުވީ، އިލެކްޓްރިކް އުޅަނދުފަހަރު ބޭނުންކުރުމަށް ބޭނުންވާ އިންތިޒާމުތަކާއި އިންފްރާސްޓްރަކްޗާ މިހާރު ގާއިމްކުރެވިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ވަނީ ގައުމީ ޗާޖިން ނެޓްވޯކް ތަރައްގީކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ. މިހާރު ވެސް 200 އަށް ވުރެ ގިނަ ތަންތަނުގައި ޗާޖިން ސްޓޭޝަން ގާއިމްކުރެވިފައިވާ އިރު، 2030 ގެ ނިޔަލަށް 1،000 ޗާޖިން ސްޓޭޝަނަށް ވުރެ ގިނަ ސްޓޭޝަން ގާއިމްކުރުމަށް ރާވާފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *