އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެންވީޑިއާ (Nvidia) ގެ އެންމެ ކުރިއަރާފައިވާ ޗިޕްތައް ހަމައެކަނި އެމެރިކާގެ ކުންފުނިތަކަށް ޚާއްސަ ކުރެވޭނެ ކަމަށާއި، ޗައިނާއާއި އެހެނިހެން ގައުމުތަކަށް އެ ޗިޕްތައް ވިއްކުން ހުއްޓުވޭނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ސީ.ބީ.އެސް ޓީވީގެ "60 މިނިޓްސް" ޕްރޮގްރާމުގައި އޭނާ ދެއްވި ބަސްދީގަތުމެއްގައި އަދި އެއާފޯސް ވަންގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގައި ފާހަގަކުރެވޭ އެންވީޑިއާ އިން އުފައްދާ އެންމެ މޮޅެތި ބްލެކްވެލް (Blackwell) ޗިޕްތައް ލިބޭނީ އެމެރިކާގެ ކަސްޓަމަރުންނަށް ކަމަށެވެ. "އެންމެ ކުރިއަރާފައިވާ ޗިޕްތައް އެމެރިކާ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އަޅުގަނޑުމެން ދުލެއް ނުކުރާނަން،" ފްލޮރިޑާއިން ވޮޝިންޓަނަށް އެނބުރި ވަޑައިގަންނަވަމުން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ. "އެ ބްލެކްވެލް ޗިޕް އަޅުގަނޑުމެން އެހެން ބަޔަކަށް ނުދޭނަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ބަސްފުޅުތަކުން ދައްކުވައިދެނީ، ކުރިން އެމެރިކާގެ އޮފިޝަލުން އިޝާރާތް ކުރެއްވި ވަރަށްވުރެ ބޮޑަށް، އެންމެ ކުރިއަރާފައިވާ އެމެރިކާގެ އޭއައި ޗިޕްތަކަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އޭނާ އަޅުއްވަފާނެ ކަމެވެ. ޚާއްސަކޮށް ޗައިނާއާއި، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިފަދަ އެންމެ ފުރިހަމަ ސެމިކޮންޑަކްޓަރުތައް ލިބުން މަނާކުރެވިދާނެއެވެ.
މިދިޔަ ޖުލައި މަހު ޓްރަމްޕްގެ ސަރުކާރުން ވަނީ އައު އާޓިފިޝަލް އިންޓެލިޖެންސް ޕްލޭނެއް ނެރެފައެވެ. އެ ޕްލޭނުގެ މަގްސަދަކީ އެމެރިކާއަށް ނާޒުކު ޓެކްނޮލޮޖީގައި ޗައިނާއާ ވާދަކުރުމުގައި ކުރިއެރުން ހޯދުމަށްޓަކައި، އެއާޕީއައި އެކްސްޕޯޓް ގުޅިގެން މަސައްކަތްކުރާ ގައުމުތަކަށް އިތުރުކުރުމެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު އެންވީޑިއާ އިން ވަނީ ދެކުނު ކޮރެއާއަށް 260,000 އަށް ވުރެ ގިނަ ބްލެކްވެލް އޭއައި ޗިޕް ވިއްކުމަށް އެއްބަސްވެ، ސެމްސަންގް އިލެކްޓްރޯނިކްސް ފަދަ އެ ގައުމުގެ ބޮޑެތި ވިޔަފާރިތަކަށް މި ޗިޕްތައް ފޯރުކޮށްދޭނެ ކަމަށް ހާމަކޮށްފައެވެ.
ބްލެކްވެލް ޗިޕްތަކުގެ ކުޑަކޮށް ބަދަލުކޮށްފައިވާ ވައްތަރެއް ޗައިނާއަށް ވިއްކުމަށް ޓްރަމްޕް ހުއްދަ ދެއްވިދާނެކަމަށް އޮގަސްޓް މަހު އިޝާރާތް ކުރެއްވުމާއެކު މިކަމާ ގުޅޭގޮތުން ވަނީ ސުވާލުތަކެއް އުފެދިފައެވެ. ނަމަވެސް ސީ.ބީ.އެސް އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވީ، އެންމެ ކުރިއަރާފައިވާ ބްލެކްވެލް ޗިޕްތައް ޗައިނާގެ ކުންފުނިތަކަށް ވިއްކުމަށް ހުއްދަ ނުދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ޗިޕްގެ ދަށްފެންވަރުގެ ވައްތަރުތައް އެމީހުންނަށް ލިބުމުގެ މަގެއް އޮތުމަކީ ނުވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "އެންވީޑިއާ އާއެކު އެމީހުން މުޢާމަލާތް ކުރުމަށް އަޅުގަނޑުމެން ހުއްދަ ދޭނަން، އެކަމަކު އެންމެ ކުރިއަރާފައިވާ ޗިޕްތަކުގެ މާނައިގައި ނޫން،" އޭނާ "60 މިނިޓްސް" އިންޓަވިއުގައި ވިދާޅުވިއެވެ.
ބްލެކްވެލް ޗިޕްތަކުގެ ކޮންމެވެސް ވައްތަރެއް ޗައިނާގެ ކުންފުނިތަކަށް ވިއްކިދާނެ ކަމުގެ ފުރުސަތު އޮތުމުން ވޮޝިންޓަންގައި ތިބި ޗައިނާގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެމީހުން ބިރުގަންނަނީ މި ޓެކްނޮލޮޖީން ޗައިނާގެ އަސްކަރީ ގާބިލިއްޔަތު އިތުރުވެ، އެ ގައުމުގެ އޭއައި ތަރައްޤީއަށް ހަލުވިކަމެއް ލިބިދާނެ ކަމަށެވެ. ރިޕަބްލިކަން ކޮންގްރެސްމަން ޖޯން މޫލެނާ، ހައުސް ސެލެކްޓް ކޮމިޓީ އޮން ޗައިނާގެ ޗެއާމަންގެ ހައިސިއްޔަތުން ވިދާޅުވީ، މިފަދަ ކަމެއް "އީރާނަށް ހަތިޔާރު އުފައްދާ ރޭޑިއޯއެކްޓިވް ޔުރޭނިއަމް ދިނުމާ އެއްވަރު" ކަމަށެވެ.
ޓްރަމްޕް ވަނީ މިދިޔަ ހަފްތާގައި ދެކުނު ކޮރެއާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ކުރިން ޗިޕްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. ނަމަވެސް އެންމެ ފަހުން ވިދާޅުވީ އެ މައުޟޫއަށް މަޝްވަރާ ނުކުރެވޭ ކަމަށެވެ.
އެންވީޑިއާގެ ސީ.އީ.އޯ ޖެންސަން ހުއާންގް މިދިޔަ ހަފްތާގައި ވިދާޅުވީ، ޗައިނާ މާކެޓަށް ޗިޕް ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން އެންވީޑިއާ އިން ހޯދާފައި ނުވާ ކަމަށެވެ. ސަބަބަކީ، އެންވީޑިއާ އެ ގައުމުގައި ހުރުމަށް ޗައިނާ އިން މިވަގުތު ބޭނުން ނުވާކަން ވަރަށް ސާފުކޮށް ހާމަކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެމެރިކާގައި ހިންގާ ދިރާސާ އަދި ތަރައްޤީގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް ޗައިނާ މާކެޓަށް ވަނުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

