ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަންސް ޕްރޮވައިޑަރ، ދިރާގުން ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، މީޑިއާނެޓްގެ 'އަންލިމިޓެޑް ސްޕޯޓްސްޕާސް' ތައާރަފުކޮށްފިއެވެ. މި ޚިދުމަތް ތައާރަފުކޮށްފައިވަނީ ކަސްޓަމަރުންނަށް އެމީހުންގެ އެންމެ މުހިންމު ކުޅިވަރު މުބާރާތްތައް ފަސޭހަކަމާއެކު ބަލައިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ދިރާގުން ހާމަކުރި ގޮތުގައި، މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުޅިވަރަށް ޚާއްސަ ޗެނަލްތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. އެގޮތުން، ދުނިޔޭގެ އެންމެ މަގުބޫލު މުބާރާތްތައް ކަމުގައިވާ ޕްރިމިއާ ލީގު، ޔޫއީއެފްއޭ ޗެމްޕިއަންސް ލީގު އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އެހެނިހެން ގިނަ ކުޅިވަރުތަކުގެ މުބާރާތްތައްވެސް ބަލައިލެވޭނެއެވެ.

މި ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް 450 ރުފިޔާއަށް 'އަންލިމިޓެޑް ސްޕޯޓްސްޕާސް' އެކްޓިވޭޓް ކުރެވޭނެއެވެ. ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާއެކު ފައިސާ ދެއްކޭއިރު، ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.

ދިރާގުން ބުނީ މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ޚިދުމަތް ކަމަށެވެ. އަދި މި ޕެކޭޖް އެކްޓިވޭޓް ކޮށްގެން މެއި 31، 2026ގެ ނިޔަލަށް މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ދަނީ އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ޚިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޚާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ. މިފަދަ ޚިދުމަތްތަކަކީ ކަސްޓަމަރުންގެ ދިރިއުޅުން ފަސޭހަކޮށްދީ، އެމީހުންގެ މުނިފޫހިފިލުވުމުގެ ބޭނުންތައް ފުއްދައިދިނުމަށް ދިރާގުން ކުރާ މަސައްކަތުގެ ބައެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *