ދުނިޔެއިން ބޭރުގައި އިންސާނުން ދިރިއުޅޭނެ މާހައުލެއް ބިނާކުރުމަށްޓަކައި، އެމެރިކާގެ ޤައުމީ ވައިގެ އަދި ޖައްވީ އިދާރާ (ނާސާ) އާއި ފިންލޭންޑްގެ މަޝްހޫރު ނޯކިއާ ކުންފުނި ގުޅިގެން ހަނދުގައި ސެލިއުލާ ނެޓްވޯކެއް ޤާއިމުކުރުމުގެ ތާރީޚީ މަސައްކަތެއް ފަށައިފިއެވެ. މި މަސައްކަތަކީ ދިގު މުއްދަތަކަށް އިންސާނުންނަށް ހަނދާއި އެހެނިހެން ގުރަހަތަކުގައި ދިރިއުޅެވޭނެ އާރކިޓެކްޗަރެއް ބިނާކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ.

މި އަހަރުގެ ތެރޭގައި، ތާރީޚެއް އަދި ކަނޑައެޅިފައި ނެތަސް، ސްޕޭސްއެކްސް ރޮކެޓަކުން 4ޖީ ނެޓްވޯކް ސިސްޓަމް ހަނދަށް ގެންދާނެއެވެ. މި ސިސްޓަމް ހަނދުގެ ދެކުނު ގައި ޖައްސާނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. މި ސިސްޓަމް ހަނދުގައި ހަރުކުރުމަށްފަހު ، އޭގެފަހުން ދުނިޔެއިން ރިމޯޓްކޮށް ކޮންޓްރޯލް ކުރެވޭނެއެވެ.

ނާސާގެ ސްޕޭސް ޓެކްނޮލޮޖީ މިޝަން ޑިރެކްޓަރޭޓްގެ ޕްރޮގްރާމްތަކާބެހޭ ޑެޕިއުޓީ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރ، ވޯލްޓް އެންޖެލުންޑް ސީއެންއެންއަށް ވިދާޅުވީ، ނެޓްވޯކެއް ޤާއިމުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޖައްވަށް އެކަށޭނެ ސެލިއުލާ އިކުއިޕްމެންޓްތަކެއް ހޯދުން ކަމަށެވެ. މީގެ ތެރޭގައި އެކަށީގެންވާ ސައިޒާއި، ބަރުދަނާއި، ކަރަންޓުގެ ބޭނުންކުރުން ކުޑަވުމާއި، އަދި ޓެކްނީޝަނެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ހަރުކުރެވޭނެ ގޮތެއް ހުރުން ހިމެނެއެވެ. މީގެ އިތުރުން، ހަނދުގެ ސަރފެސްއަށް ދިމާވާ ވަރަށް ބޮޑު ހޫނު މިންތަކާއި ރޭޑިއޭޝަނުގެ ނުރައްކަލުން ދިފާޢުވެ، މަސައްކަތް ކުރުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށްވެސް އެންޖެލުންޑް ވިދާޅުވިއެވެ.

މި 4ޖީ ނެޓްވޯކް ޔުނިޓް ތައްޔާރުކުރަނީ ނޯކިއާގެ ބެލް ލެބްސް އިންނެވެ. މި މަސައްކަތުގައި އާންމުކޮށް ލިބެންހުންނަ ކޮމަރޝަލް ބައިތައް ބޭނުންކުރާނެއެވެ. މިއީ ޔޫއެސް ކުންފުންޏެއް ކަމަށްވާ އިންޓުއިޓިވް މެޝިނސް އިން އުފައްދާފައިވާ ލޭންޑަރަކަށް އަރުވައިގެން ގެންދާނެ އެއްޗެކެވެ. ހަނދަށް ފޮނުވުމަށްފަހު، މި ނެޓްވޯކް މެދުވެރިކޮށް ދެ ރޯމިން ވެހިކަލަކާ ގުޅުވައިލާނެއެވެ. މި ވެހިކަލްތަކުގެ ޚާއްސަ މަސައްކަތަކީ ހަނދުގައި ފެންގަނޑު ހުރިތޯ ބެލުމެވެ.

މީގެ ތެރެއިން އެއް ވެހިކަލް ކަމަށްވާ "ލޫނާ އައުޓްޕޯސްޓް ރޯވަރ" އިން "ޝެކްލެޓަން ކަނެކްޓިން ރިޖް" ކިޔާ ސަރަހައްދު ދިރާސާކުރާނެއެވެ. އަނެއް ވެހިކަލް ކަމަށްވާ "މައިކްރޯ-ނޯވާ ހޮޕަރ" އިން ހަނދުގައިވާ ބޮޑު ވަޅުގަނޑެއްގެ ތެރެއަށް ފުންކޮށް ވަދެ، ކުރިން ދެކެފައިނުވާ ގޮތަށް ހަނދުގައި ފެން ހުރިކަމުގެ ހެކި ހޯދުމަށް މަސައްކަތްކުރާނެއެވެ. މި ވެހިކަލްތަކުން ފޮނުވާ ފެންގަނޑުގެ ތަސްވީރުތައް ސެލިއުލާ ނެޓްވޯކް މެދުވެރިކޮށް ކައިރިމުއްދަތެއްގެ ތެރޭގައި ލޭންޑަރއަށް، އަދި އެއަށްފަހު ދުނިޔެއަށް ފޮނުވައިފިނަމަ، އެއީ ތާރީޚީ ކަމަކަށް ވާނެއެވެ. ހަނދުގައި ހުންނަ ފެން ބޭނުންކޮށްގެން ނޭވާލާން އޮކްސިޖަން އުފެއްދުމުގެ އިތުރުން، މާސްއަށް މިޝަންތައް ފޮނުވުމަށް ބޭނުންވާ ތެޔޮވެސް އުފެއްދިދާނެއެވެ.

ނާސާގެ "އާޓެމިސް" ޕްރޮގްރާމަށް މި ސެލިއުލާ ކަނެކްޓިވިޓީ ވަރަށް މުހިންމެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެސްޓްރޯނޮޓުން އަލުން ހަނދަށް ފޮނުވުމެވެ. މިހާރު އެސްޓްރޯނޮޓުން އެކަކު އަނެކަކާ ވާހަކަ ދައްކަނީ ރޭޑިއޯ މެދުވެރިކޮށެވެ. ނަމަވެސް "އާޓެމިސް" މިޝަންތައް އިތުރަށް ތަރައްޤީވަމުން އަންނަ ހިސާބުން، ހައި-ރިޒޮލިއުޝަން ވީޑިއޯއާއި ސައިންސުގެ މައުލޫމާތު ފޮނުވުމަށް އެކަށޭނެ ހަނދުގެ ކޮމިއުނިކޭޝަން ސިސްޓަމެއް ބޭނުންވާ ކަމަށް އެންޖެލުންޑް ވިދާޅުވިއެވެ.

މި މަސައްކަތަކީ ދުނިޔޭގެ އިންޓަނެޓާ މާބޮޑު ތަފާތެއް ނެތް އޮފް-ވޯލްޑް އިންޓަނެޓެއް ޤާއިމުކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ޖައްވުގައި ދިރިއުޅޭ މީހުންނަށް ދުނިޔޭގައި ލިބޭ ހުރިހާ އެޕްތަކާއި ޚިދުމަތްތައް ބޭނުންކުރެވޭނެ ގޮތަށް ސްމާޓްފޯނު ބޭނުންކުރެވޭނެ ނެޓްވޯކްތަކާ ޕާސަނަލް ޑިވައިސްތައް ގުޅުވައިލެވިދާނެއެވެ.

ނާސާއިން ބެލް ލެބްސް ހޮވީ އެ ކުންފުނީގެ "ޓިޕިން ޕޮއިންޓް" އިނިޝިއޭޓިވްގެ ދަށުންނެވެ. މިއީ ކުރިއަށް އޮތް މިޝަންތަކަށް ބޭނުންވާ ޓެކްނޮލޮޖީތައް ތަރައްޤީކުރުމަށް ކުންފުނިތަކާ އެކު އޮންނަ ބައިވެރިވުންތަކެކެވެ. މިކަމުގެ ސަބަބުން މިފަދަ ކުންފުނިތަކަށް މުސްތަޤްބަލުގެ ޖައްވުގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު ލިބެއެވެ.

2020 ވަނަ އަހަރު ބެލް ލެބްސްއަށް 14.1 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާއިރު، މި ޖެނުއަރީ މަހު ނޯކިއާ ވަނީ ޔޫއެސް ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓްސް އެޖެންސީ (ޑާޕާ) އިން ހަނދުގެ އިޤްތިޞާދަށް "ފްރޭމްވޯކެއް"ގެ ގޮތުގައި ޚިދުމަތްކުރާނެ ކޮމިއުނިކޭޝަން ސަރވިސަސް އިންފްރާސްޓްރަކްޗާއެއްގެ މަސައްކަތް ފެށުމަށް ހޮވާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *