ރާއްޖޭގެ އުތުރުގައި ގާއިމުކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢަކީ އުތުރުގެ ތަރައްޤީއަށާއި އެ ސަރަޙައްދުގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ.
ހަނިމާދޫގައި މިރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ހަނިމާދޫ އަދި ވަށައިގެންވާ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭގެ ރަސްމިއްޔާތަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖައްސާނެއެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. ރަންވޭ ބޮޑުކޮށް ގެނެސްފައިވާ ބަދަލުތަކާއެކު، އޭ-320 ފަދަ ބޮޑެތި މަތިންދާ ބޯޓުތައް މި އެއަރޕޯޓުގައި ޖެއްސޭނެކަމުގެ ބަދަލު މިރެއިން ފެށިގެން ދެކެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި މިރޭގެ ރަސްމިއްޔާތުގެ މެހުމާނުންނަށް މަރުޚާބާ ކިޔުމަށް ސަޤާފީ ހުށައެޅުންތަކެއް ކުރިއަށްދާނެއެވެ. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައި ހަވާއެރުވުމުގެ ކުލަގަދަ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ފޯރިގަދަ ބައިވެރިވުން ފެންނަނީ އެއަރޕޯޓް ސަރަޙައްދު މިރޭގެ ރަސްމިއްޔާތަށް ސާފުކުރުމަށް ގޮވާލާ ކޮންމެ ވަގުތެއްގައި ރައްޔިތުން ނިކުމެ ދައްކަމުންދާ ހިތްވަރުންނެވެ. ހަނިމާދޫ އާއި މި ސަރަޙައްދުގެ 13 ރަށެއް ހިމެނޭހެން ޚާއްސަ ފަރިކޮޅެއް އެރުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 50އަށްވުރެ ގިނަ ކޭން ލުމަށް ވަނީ ހަމަޖެހިފައެވެ.
ތިން އަހަރަށްފަހު ނިމުމަކާ ހަމައަށް އައިސްފައިވާ މި މަޝްރޫޢަކީ މުޅި އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫޢެކެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢާއެކު އަހަރަކު 1.3 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އުންމީދުކުރެވެއެވެ. މި މަޝްރޫޢުއާއެކު މުޅި ސަރަޙައްދަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ދެކެވޭނެއެވެ. މި މަޝްރޫޢު ވެގެންދަނީ ހަނިމާދުއާއި މުޅި ބޮޑުތިލަދުންމަތީގެ އުންމީދާއި ތަރައްޤީއާ ގުޅިފަވާ މަސައްކަތަކަށެވެ.

