ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ރޭ އަލުން ހުޅުވުމާއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ޑޮލަރު ނެގޭނެ އޭޓީއެމަކާއި އެ ބޭންކުގެ ޑޮލަރު ކައުންޓަރެއް ގާއިމްކޮށްފި އެވެ. މި ދެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ، އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ކުލަގަދަ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި އެއާޕޯޓު އަލުން ހެދުމަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އިންޓަނޭޝަނަލް ފެންވަރަށް މި އެއާޕޯޓު ތަރައްގީކުރުމަށްފަހު، ޑޮލަރުގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ގެނުވައި ދަތުރުފަތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެންކުން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާ އެކު، ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލު ވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ދޭ އަހުމިއްޔަތުކަން ،
މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ދަތުރުކުރެ އެވެ. އެހެންވެ، ބީއެމްއެލުން ބުނީ، އެ އެއާޕޯޓުގައި ޑޮލަރު ކައުންޓަރެއް ހުޅުވުމަކީ މި ދަތުރުތައް ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.
ބީއެމްއެލުން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، 20 އަތޮޅުގައި 42 ބްރާންޗާއި 202 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ. އަދި ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.

