ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލްގެ ސީއީއޯ (ޗީފް އެގްޒެކެޓިވް އޮފިސަރ) ޓިމް ކުކް އަންނަ އަހަރުގެ ކުރީކޮޅު އެ މަގާމުން ދުރުވެދާނެ ކަމަށް ލަފާކުރެވެއެވެ. އެޕަލްގެ ބޯޑުން މިހާރު ވަނީ އޭނާއަށްފަހު އެ މަގާމަށް އަންނާނެ މީހަކު ހޮވުމުގެ މަސައްކަތް ސީރިއަސްކޮށް ފަށާފައެވެ. މި މަގާމަށް އެންމެ ކުރީގައި ހުރި ކެންޑިޑޭޓަކީ އެޕަލްގެ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ޖޯން ޓަރނަސް ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެއެވެ.

މިފަހުން 65 އަހަރު ފުރުނު ކުކް، މީގެ 14 އަހަރު ކުރިން އެޕަލްގެ ސީއީއޯ ކަމާ ހަވާލުވެވަޑައިގަތީއްސުރެ ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވެއެވެ. އޭނާގެ ވެރިކަމުގައި އެޕަލް ވަނީ ދުވަހަކުވެސް ނުފެންނަފަދަ ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށް ވާއިރު، އެހެންނަމަވެސް އެކި މައްސަލަތަކާއި ފާޑުކިޔުންތަކާވެސް ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ އިތުރުން، އެޕަލްގެ އުފެއްދުންތައް އޭގެ އަމިއްލަ ފެކްޓަރީތަކުގެ ބަދަލުގައި ބޭރުގެ ފަރާތްތަކަށް އައުޓްސޯސް ކުރުމަށް އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޓިމް ކުކް މަގާމުން ދުރުވުމުގެ ވާހަކަތައް ދެކެވުނީ، އެޕަލްގެ ކުރީގެ ސީއޯއޯ (ޗީފް އޮޕަރޭޓިންގ އޮފިސަރ) ޖެފް ވިލިއަމްސް މިދިޔަ ހުކުރު ދުވަހު ކުންފުނިން ރިޓަޔަރ ކުރުމާ ގުޅިގެންނެވެ. ވިލިއަމްސް ކުންފުނިން ވަކިވުމާ ގުޅިގެން، އިސް މަގާމުތަކުގައި ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން، ސަރވިސްތަކާބެހޭ ވެރިޔާ އެޑީ ކިޔޫއަށާއި، ސޮފްޓްވެއަރ އިންޖިނިއަރިންގެ ވެރިޔާ ކްރެއިގް ފެޑެރީގީއަށާއި، ޓަރނަސްއަށްވެސް އިތުރު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވެއެވެ.

އެޕަލްގެ ސީއީއޯ ކަމަށް ކޮންމެ މީހަކު އައްޔަން ކުރެވުނަސް، ކުންފުނިން ބޭރުގެ ފަރާތަކަށް އެ މަގާމު ނުދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޓިމް ކުކް ކުރިންވެސް ވިދާޅުވެފައިވާ ގޮތުގައި، ކުންފުނީގެ ތެރެއިން އެ މަގާމަށް މީހަކު ހޮވުމަށް ވަރަށް ބޮޑަށް އިސްކަންދެއެވެ. އަދި ކުންފުނީގައި ވަރަށް ތަފްސީލީ "ސަކްސެޝަން ޕްލޭން" އެއް ތައްޔާރުކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *