ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، މާސްޓަކާޑާ ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގުގެ ހާއްސަ މެޗެއް ބަލައިލަން ފްރާންސްގެ ޕެރިހަށް ދިއުމުގެ ރަން ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން، ދެ ނަސީބުވެރިއަކަށް އަންނަ އަހަރު ޕެރިހުގައި ކުޅޭ ޕީއެސްޖީ އާއި ނިއުކާސަލް ވާދަކުރާ މެޗު ކައިރިން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް މާސްޓަކާޑުގެ ޕާސަނަލް ކާޑުތައް ބޭނުންކޮށްގެން، ބީއެމްއެލް އީއެންވީ ޕީއޯއެސް އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ ހުރިހާ ޓްރާންސެކްޝަންތަކަކަށެވެ.
މި ޕްރޮމޯޝަން ނިމުމުން، މާސްޓަކާޑުން ފޯރުކޮށްދޭ ޚާއްސަ ފުރުސަތަކުން ދެ ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވެއެވެ. މި ދެ ނަސީބުވެރިންނަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލުމަށް ޕެރިހަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.
ގްރޭންޑް ވިނާގެ އިނާމު:
ގްރޭންޑް ވިނާގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ހަރަދަކާއެކު ފްރާންސްގެ ޕެރިހަށް ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެއެވެ. މީގެ ތެރޭގައި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއިއެކު އެސިޓީގެ ލަގްޒަރީ ހޮޓަލެއްގައި މަޑުކުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއާ އެއް ހިމެނެއެވެ.
ދެވަނައަށް ހޮވޭ ފަރާތަށް:
ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ހަރަދަކާއެކު ޕެރިހަށް ތިން ދުވަހުގެ ދަތުރެއް ލިބޭނެއެވެ. މި އިނާމުގައި ވެސް އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމުގެ ފުރުސަތު ހިމެނެއެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެކެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. އެގޮތުން ބީއެމްއެލްއިން މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުން އަންނައިރު، މާސްޓަކާޑާ ގުޅިގެން މިފަދަ ޕްރޮމޯޝަންތަކުގެ ތެރެއިން ކަސްޓަމަރުންނަށް އަގުހުރި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ މުހިންމު އަމާޒެކެވެ.

