ދިވެހިރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުން، މުވައްޒަފުންނަށް މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ މާހައުލެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށްފިއެވެ. މި ކާމިޔާބީއާއެކު ދިރާގު ވަނީ ރާއްޖޭގައި ވެސް އަދި އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރޭގައި ވެސް މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނިފައެވެ.

މި ސެޓިފިކޭޝަނަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދެމުން އަންނަ ބައިނަލްއަގްވާމީ ގަބޫލުކުރުމެކެވެ. މިއީ "ޓްރަސްޓް އިންޑެކްސް ސާވޭ"ގެ ޒަރީއާއިން މުވައްޒަފުންގެ ފަރާތުން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓިފިކޭޝަނެކެވެ. މި ސާވޭ މެދުވެރިކޮށް މުވައްޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި، އިޙުތިރާމާއި، ކުންފުންޏާމެދު ފަޚުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިން ކުރެއެވެ.

ދިރާގުން މި ސެޓިފިކޭޝަން ހާސިލުކުރުމުން އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

މި ކާމިޔާބީ ފާހަގަކުރުމަށް ދިރާގުގެ މުވައްޒަފުންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ، "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ހާސިލްކުރުމަކީ ދިރާގަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އެ ކަމުން ޔަގީންކޮށްދެނީ ދިރާގުގައި މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއް އޮތް ކަމާއި، މުވައްޒަފުންގެ އިހުސާސްތައް އަޑުއަހައި، މުވައްޒަފުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައުއަށް އެންމެ ފުރިހަމައަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ބާރުވެރިކުރުމަށް ދިރާގުންދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް. މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން މި ވަނީ ސާބިތުކޮށްދީފައި

އިސްމާއިލް ރަޝީދު

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު، އަޒްހާ ޒަމީރު ވިދާޅުވީ އެ ސެޓްފިކޭޝަނަކީ އެންމެން އެކުގައި މަސައްކަތްކޮށްގެން ބިނާކޮށްފައިވާ މަސައްކަތުގެ ސަގާފަތުގެ އެހީގައި ހޯދައިފައިވާ ކާމިޔާބީއެއް ކަމަށެވެ. އެގޮތުން، ދިރާގަކީ މަސައްކަތުގެ ފުރިހަމަކަމުގެ މައްޗަށް ކުރިއެރުން ލިބޭ، ކުރިއެރުމަށް ހިތްވަރުދޭ، އެކަކު އަނެކަކުގެ ދުޅަހެޔަކަމަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މި ކާމިޔާބީ ހާސިލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް، އަދި އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް އެންމެން އެކުގައި މަސައްކަތްކޮށްގެން، އެންމެން ޝާމިލުކޮށްގެން، މުވައްޒަފުން ކުރިއެރުމަށް އިތުރު މަގުތައް ތަނަވަސްކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން،

އަޒްހާ

ދިރާގުން ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށާއި ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި 99.9 ޕަސެންޓް ދިވެހިންގެ މައްޗަށް އެކުލެވިގެންވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ އެ ކުންފުންޏަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑަޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސްއަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *