ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން ކަމަށްވާ "ބިއޯންޑް" އިން އަންނަ އަހަރު މުޅިން އައު ހަތަރު މަންޒިލަކަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ މުހިންމު ހަބެއްގެ ގޮތުގައި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ބިއޯންޑުން ފާހަގަކުރެއެވެ.
އެ އެއާލައިނުން ބުނީ އައު މަންޒިލްތަކަކަށް ދަތުރު ފެށުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ޗައިނާ އާއި ސައުތު ކޮރެއާ އާއި ވިއެޓްނާމްގެ އިތުރުން ތައިލޭންޑާއި އިންޑިއާ އާއި ފްރާންސާއި އިޓަލީ އަދި ޔޫކޭއަށް އެއާލައިންގެ ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުންޏެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އޭގެ ތެރެއިން ހަތަރު މަންޒިލަކަށް ދަތުރު ކުރުމުގެ ހުއްދަ ހޯދުން ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
"ބިއޯންޑް" އިން އަންނަ އަހަރަށް އައު މަންޒިލްތަކަކަށް ދަތުރު ފެށުމުގެ މަސައްކަތް ކުރަމުން ދާއިރު، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 22 ފްލީޓް އިތުރުކޮށް، އެއާލައިނުގެ މަސައްކަތްތައް ފުޅާކޮށް، ދުނިޔޭގެ 30 އަށް ވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މިގޮތުން ރާއްޖެއާ ދުނިޔޭގެ އެކި ގައުމުތައް ގުޅުވައިދީ، ބިއޯންޑްގެ ޕްރިމިއަމް ލެޝާ މޮޑެލްގެ ޕްރައިމަރީ ހަބެއްގެ ގޮތުގައި ރާއްޖެއަށް ފުރުސަތު ހޯދައިދިނުމަކީ އެ އެއާލައިންގެ އަމާޒެކެވެ. ބިއޯންޑްގެ ސްޓްރެޓެޖީއަކީ ހައި-ވެލިއު ދަތުރުވެރިން ދުނިޔޭގެ ކުރިއަރާފައިވާ އެކި ސިޓީތަކަށް ދަތުރު ކުރުމުގައި ޕްރިމިއަމް ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ އަމާޒު ހުރީ ދުނިޔޭގެ އެކި ހިސާބުތަކަށް ހިދުމަތް ދޭން ކަމަށެވެ. "އައު އެއާކްރާފްޓުތަކާއި އާ މާކެޓުތަކަށް އިންވެސްޓުކޮށް، އާ ޕާޓްނާޝިޕުތަކެއް ގާއިމް ކުރުމަކީ ރާއްޖެއަށް ޕްރިމިއަމް ޓޫރިސްޓުން އައުމަށް ފަހިވާނެ ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމަށް ދިގު މުއްދަތަކަށް ފައިދާވާނެ ގޮތަށް، ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރާ ގޮތް ބަދަލުކޮށްލުން،" އޭނާ ވިދާޅުވި އެވެ.
ބިއޯންޑަކީ ރާއްޖެ އާއި މެދުއިރުމައްޗާއި ޔޫރަޕާ ގުޅުވައިދޭ އެއާލައިނެކެވެ. ރާއްޖޭގައި 2023 ވަނަ އަހަރު އޮޕަރޭޝަން ފެށި މި އެއާލައިނަކީ ރާއްޖޭގެ އެއާ އޮޕަރޭޓާ ސެޓްފިކެޓް (އޭއޯސީ) ވެސް ހޯދާފައިވާ އެއާލައިނެކެވެ. ބިއޯންޑްގެ އަމާޒަކީ ދުނިޔޭގެ އެކި ރީޖަންތަކުން އިތުރު އޭއޯސީތައް ހޯދުމެވެ.
ހަމައެކަނި ބިޒްނަސް ކްލާހުގެ ސީޓުތައް ހުންނަ އެ އެއާލައިނުގެ ފްލައިޓުތަކަކީ އޮށޯވެ އޮވެ، ހަމަޖެހިލައިގެން ހިތްގައިމު އަދި އަރާމު ދަތުރެއްގައި ރާއްޖެއަށް ޓޫރިސްޓުން ގެނެސްދޭ އެއާލައިނެކެވެ. މިހާރު އެ އެއާލައިނުގައި އެއާބަސް އޭ319 މަރުކާގެ ބޯޓަކާއި އޭ321 މަރުކާގެ ބޯޓެއް ހިމެނެއެވެ. ބިއޯންޑުން މިހާރު ދަތުރުކުރަނީ ރާއްޖޭގެ އިތުރުން ޒޫރިކް އާއި މިއުނިކް އާއި މިލާންގެ އިތުރުން ރިޔާދް އަދި ދުބާއީއަށެވެ. "ބިއޯންޑް" އަކީ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި އެއާލައިނެކެވެ.

