އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބްރެޒިލްގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދީފައިވާ 40 އިންސައްތައިގެ ޓެރިފް ނުވަތަ ޑިއުޓީ އާއެކު، ހުކުރު ދުވަހު ދުނިޔޭގެ މާކެޓުގައި ކޮފީގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. މި ނިންމުމުގެ ސަބަބުން ކޮފީގެ އަގު ދެ މަސް ދުވަހުގެ ތެރޭގައި ވަރަށް ދަށަށް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން، ސެޕްޓެމްބަރު މަހު އެމެރިކާގައި ގޭގޭގައި ބޭނުންކުރާ ކޮފީގެ އަގު، ޓެރިފްތަކާ ގުޅިގެން އަހަރަކު 40 އިންސައްތަ މައްޗަށް ގޮސްފައި ވެއެވެ. ކާނާގެ އަގުތައް މަތިވުމަކީ ރައީސް ޓްރަމްޕް އަނބުރާ ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ދަށް ފެންވަރަށް އެ މަނިކުފާނުގެ ތާއީދު ރޭޓިންގްސް ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރޮއިޓަރސް/އިޕްސޯސްގެ ސަރވޭއަކުން ވަނީ ދައްކާފައެވެ. މިދިޔަ ހުކުރު ދުވަހު ވެސް ކޮފީއާއި އެނޫންވެސް އެފަދަ ގިނަ އުފެއްދުންތަކަށް ަމަޖައްސާފައިވާ ޑިއުޓީތައް ނެގުމަށް އަމުރުކުރެއްވުމަށްފަހު، ރައީސް ޓްރަމްޕް މި ނިންމުން ނިންމެވީ ކުއްލިއަކަށެވެ.

ދުނިޔޭގައި ކޮފީ އުފެއްދުމުގައި އެންމެ ކުރީގައި އޮންނަ ބްރެޒިލް އިން އެމެރިކާއަށް، އެގައުމުގެ ކޮފީ ބީންސްގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި ފޯރުކޮށްދެއެވެ. އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން ކޮފީ ބޭނުންކުރާ ގައުމެވެ.

ގުރީންވިޗް މެރިޑިއަން ޓައިމް (ޖީއެމްޓީ) ގެ 12:38 ގައި، ދުނިޔޭގައި ކޮފީގެ އަގުތަކަށް މިންގަނޑެއްގެ ގޮތުގައި ބަލާ އައި.ސީ.އީ އެކްސްޗޭންޖްގައި ޓްރޭޑްކުރާ އަރަބިކާ ކޮފީގެ ފިއުޗަރސް އަގު، އެއް ޕައުންޑަށް 3.6020 ޑޮލަރަށް ވަނީ ދަށަށް ގޮސްފައެވެ. މިއީ 4.4 އިންސައްތައިގެ ދަށްވުމެކެވެ. ކުރިން 6 އިންސައްތައަށް ވުރެ ބޮޑަށް މި އަގު ދެ މަސް ދުވަހުގެ ތެރޭގައި ދަށަށް ވެއްޓިފައި ވެއެވެ. އާންމުކޮށް އިންސްޓަންޓް ކޮފީ ތައްޔާރުކުރުމަށް ބޭނުންކުރާ ރޮބަސްޓާ ކޮފީ ބީންސްގެ ފިއުޗަރސް އަގު، މެޓްރިކް ޓަނަކަށް 4,438 ޑޮލަރަށް ދަށަށް ދިޔައީ 4.2 އިންސައްތައެވެ. ކުރިން މި އަގު 8 އިންސައްތައަށް ދަށަށް ގޮސްފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ކޮފީ ޓްރޭޑް ހައުސްތަކުގެ ޔޫރަޕްގައި ހުންނަ ކުންފުންޏެއްގެ ޓްރޭޑަރަކު ވިދާޅުވީ، މާކެޓަށް މިކަން ހަޖަމުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި، އަގުތައް އިތުރަށް ދަށްވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއް ޕައުންޑަށް 3 ޑޮލަރަށް ވުރެ ދަށްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އަރަބިކާ ކޮފީގެ އުފެއްދުން އަދިވެސް މަދުކަމަށާއި، ސްޓޮކްތައް މަދުކަމަށާއި، ލާ ނީނިއާ މޫސުމީ ހާދިސާއާ ގުޅިގެން ސަޕްލައިގެ ނުރައްކާތައް ވެސް އަދިވެސް ހުރި ކަމަށެވެ.

ޓެރިފްގެ ކަންތައް އެއްފަރާތްކޮށްފައި، ޑީލަރުން ވަނީ ރޮބަސްޓާ ކޮފީ އުފައްދާ އެންމެ ބޮޑު ގައުމު ކަމަށްވާ ވިއެޓްނާމްގެ ކޮފީ ދަނޑުތަކަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް މަސައްކަތްކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ހާދިސާގައި 41 މީހުން މަރުވެފައި ވެއެވެ.

ލަންޑަންގައި ހުންނަ ކޮފީ ބްރޯކަރަކު ވިދާޅުވީ، ރައީސް ޓްރަމްޕް ޓެރިފް ނެގި ކަމުގެ ޚަބަރަށް މާކެޓުން މާބޮޑަށް ރިއެކްޓްކޮށްފައިވާ ކަމަށާއި، އެއީ އެކަން ކުރިމަތިވާނެ ކަމަށް ބެލެވިފައި އޮތް ކަމެއް ކަމަށެވެ. "މިކަމުން ލިބުނު ސިހުން ހީކުރި ވަރަށް ވުރެ ބޮޑު ކަމަށް ވެދާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެހެން ކޮމޯޑިޓީތަކަށް ބަލާއިރު، ލަންޑަން ކޯކޯ މެޓްރިކް ޓަނަކަށް 0.9 އިންސައްތަ ދަށަށް ގޮސް 3,394 ޕައުންޑަށް ވައްޓާލިއިރު، ނިއުޔޯކް ކޯކޯ 0.8 އިންސައްތަ ދަށަށް ގޮސް 5,241 ޑޮލަރަށް ވެއްޓުނެވެ. އަދި  ބްރައުން ހަކުރު 0.6 އިންސައްތަ މައްޗަށް ގޮސް 14.74 ސެންޓަށް އަރައި، އާދައިގެ ހަކުރު 0.7 އިންސައްތަ މައްޗަށް ގޮސް 422.90 ޑޮލަރަށް އަރާފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *