ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި، ދުނިޔެއަށް އަލްވަދާޢު ކީ ޕެލޭގެ ބްރޭންޑްގެ ހުރިހާ ތަކެއްޗަކާއި ވިޔަފާރިތަކެއް ބްރެޒިލްގެ މިހާރުގެ ފުޓްބޯޅަ ތަރި ނޭމާގެ ކުންފުނި، ނޭމާ ސްޕޯޓްސް (އެންއާރު ސްޕޯޓްސް) އިން ބަލަހައްޓަން ފަށައިފިއެވެ. މިއީ ބްރެޒިލްގެ ދެ ލެޖެންޑުންގެ މެދުގައި ވިޔަފާރީގެ ގުޅުމެއް ގާއިމުވިކަން އަންގައިދޭ މުހިންމު ފިޔަވަޅެކެވެ.
ނޭމާ ސްޕޯޓްސްއިން ޕެލޭ ބްރޭންޑް ބަލަހައްޓައި އޭގެ ވިޔަފާރި ކުރަން ފެށީ އެ ބްރޭންޑް އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެވެ. މީގެ ކުރިން ޕެލޭ ބްރޭންޑްގެ ހުރިހާ ތަކެއްޗެއް މާކެޓްކޮށް ބަލަހައްޓައި ވިޔަފާރި ކުރަމުންދިޔައީ އެމެރިކާގެ ސްޕޯޓްސް 10 ކުންފުނިންނެވެ. މި މުއާމަލާތުގެ ރަސްމީ އަގެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނަނީ މިއީ 18 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕެލޭ ބްރޭންޑް ތަމްސީލުކުރީ އޭނާގެ އަންހެން ދަރިފުޅު ފްލާވިއާ އެވެ. އަދި ނޭމާ ބްރޭންޑް ތަމްސީލު ކުރީ އެ ކުންފުނީގެ އެންމެހާ ކަމެއް ބަލަހައްޓަމުންދާ ނޭމާގެ ބައްޕަ ނޭމާ ސަންޓޯސް ސީނިއާ އެވެ.
ނޭމާގެ ބައްޕަ މި ފުރުސަތާ ބެހޭގޮތުން ވިދާޅުވީ، "މިއީ ވަރަށް އަގުހުރި ފުރުސަތެއް. މި ބްރޭންޑް މާކެޓް ކުރަން ލިބުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ބްރެޒިލްގައި މި ބްރޭންޑަކީ އަދިވެސް މީހުން ގަޔާވާ އަދި ލޯބިކުރާ ބްރޭންޑެއް،" މިހެންނެވެ.
ތިން ފަހަރެއްގެ މަތީން ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދެއްވައިފައިވާ ޕެލޭ މަރުވީ 2022 ވަނަ އަހަރު އެވެ. އޭނަ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ބްރެޒިލްގެ އެންމެ ވަރުގަދަ ލެޖެންޑެވެ. މި މުއާމަލާތުގެ ސަބަބުން ޕެލޭގެ ތަރިކަ ދެމިގެންދާނެކަމަށް ބެލެވެއެވެ.

