ދެކުނު ކޮރެއާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލަރު ކުޕަންގް އިން، އެ ކުންފުނީގެ ގާތްގަނޑަކަށް 34 މިލިއަން ކަސްޓަމަރުންގެ އެކައުންޓުތަކުން މައުލޫމާތު ލީކުވި ކަމަށް ބުނެ މާފަށް އެދިއްޖެއެވެ. މިކަމާ ގުޅިގެން އެ ގައުމުގެ އިންޓަނެޓް އޮތޯރިޓީން ދަނީ މިހާރު ތަހުގީގެއް ކުރަމުންނެވެ. އެ އޮތޯރިޓީން ބުނީ އެތައް މިލިއަން އެކައުންޓުތަކުން މައުލޫމާތުތައް ހާމަވެފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އީ-ކޮމާސް ޕްލެޓްފޯމް ކުޕަންގް އަކީ ގިނަ ފަހަރު ދެކުނު ކޮރެއާގެ އެމަޒޯން.ކޮމްގެ އައު އެއްފަދަ ކުންފުންޏެއް ކަމަށް ސިފަކުރެވެއެވެ. މި ހާދިސާ އަކީ އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސްގެ ބޮޑު ކުންފުނި އެސްކޭ ޓެލެކޮމް ވެސް ހިމެނޭ ގޮތަށް، ގިނަ ކުންފުނިތަކަކުން މައުލޫމާތު ލީކުވި މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ މައްސަލައެވެ.
ކުޕަންގް އިން ބީބީސީއަށް މަޢުލޫމާތު ދެމުން ބުނީ، މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު ގާތްގަނޑަކަށް 4،500 ކަސްޓަމަރުންގެ އެކައުންޓުތަކުން މައުލޫމާތުތައް ހުއްދަ ނޫން ފަރާތްތަކަށް ފޯރުކޮށްދީފައިވާކަން އެނގުމާއެކު، އެކަން ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ކުރެވުނު އިންކުއަރީތަކުން ހާމަވީ ދެކުނު ކޮރެއާގެ 33.7 މިލިއަން ކަސްޓަމަރުންގެ އެކައުންޓުތަކުން މައުލޫމާތު ހާމަވެފައިވާކަމެވެ. މި މައްސަލަ ފެށިފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ބޭރު ގައުމެއްގައި ހުންނަ ސަރަވަރެއް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ލީކުވި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ ނަން، އީމެއިލް އެޑްރެސް، ފޯނު ނަންބަރު، މުދާ ފޮނުވާނެ އެޑްރެސް އަދި ބައެއް އޯޑަރު ހިސްޓަރީގެ މައުލޫމާތުތަކެވެ. ކްރެޑިޓް ކާޑުގެ މައުލޫމާތު ނުވަތަ ލޮގިން ކްރެޑެންޝަލްސް ލީކުވެފައި ނުވާ ކަމަށް ކުޕަންގް އިން ބުނެއެވެ. އެ މައުލޫމާތުތައް ރައްކާތެރިކޮށްފައި ހުންނާނެ ކަމަށާއި، މިވަގުތު ކުޕަންގް ބޭނުންކުރާ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އެޅުމަށް ނުޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ހާދިސާގައި އަސަރުކުރި އެކައުންޓުތަކުގެ އަދަދު އެ ގައުމުގެ ގާތްގަނޑަކަށް 52 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައެވެ. ދެކުނު ކޮރެއާގައި އުފައްދާފައިވާ އަދި އެމެރިކާގައި ހެޑްކްއޯޓާޒް ހުންނަ ކުޕަންގް އިން ފަހުން ބުނެފައިވަނީ އެ ކުންފުނީގެ ގާތްގަނޑަކަށް 25 މިލިއަން އެކްޓިވް ކަސްޓަމަރުން ތިބި ކަމަށެވެ.

