ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޔޫއޭއީގެ ގައުމީ އެއަރލައިން، އެމިރޭޓްސް އަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ. މިކަން ފާހަގަކުރުމަށްޓަކައި ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އެވެ. ރަސްމިއްޔާތުގައި އެމިރޭޓްސް އިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ޖަބޭރު މުހައްމަދާއި، އެމިރޭޓްސްގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލާފައެވެ. މި ހާދިސާ ފާހަގަކުރުމުގެ ގޮތުން އެ އެއަރލައިނުން ފުރި 310 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 298 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެމިރޭޓްސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫއޭއީގެ 4 ވަނަ އެއަރލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 މެއި 1987 ގައެވެ. އެމިރޭޓްސް އެއާވޭސް އާއެކު، ޓާމިނަލް 1 އިން މިހާރު ދަނީ ޖުމްލަ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

