ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފުކުރި ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ގެ ބީޓާ ޓެސްޓިންގ މަރުހަލާ ފަށައިފި ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ވިޔަފާރިތަކަށް ސްވައިޕް ޕްލެޓްފޯމްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ހަމަ އެމަހުގެ ތެރޭގައި ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލާނެ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއްވައެވެ.

ސްވައިޕްއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. ބީއެމްއެލްއިން 'ސްވައިޕް' ލޯންޗްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.

ބީއެމްއެލްއިން ވިދާޅުވީ، ސްވައިޕްގެ ބީޓާ ޓެސްޓިންގ މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ، ސްވައިޕްގެ ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ މުހިންމު ޓެސްޓިންގ މަރުހަލާއެކެވެ. މި މަރުހަލާ ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހު، ޖެނުއަރީ މަހުގެ ތެރޭގައި ސްވައިޕްގެ ދިވެހިރާއްޖޭގެ ތެރޭގައި ކުރާ މުއާމަލާތްތަކުގެ ޚިދުމަތްތައް އާންމުކޮށް ހުޅުވާލުމަށް ވަނީ ރާވާފައެވެ. މިގޮތުން، އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި، ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބުމުގެ ޚިދުމަތް ފެށިގެންދާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަޤުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް ބޭންކުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފުރަތަމަ ކުއާޓަރުގައި ބައިނަލްއަޤުވާމީ ޕާޓްނަރޝިޕްތަކާއެކު ސްވައިޕްގެ ޚިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްގެ އަމާޒަކީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. މިއާއެކު ބީއެމްއެލުން ދުނިޔޭގެ މަޤުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި، ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް އެބޭންކުން ވިދާޅުވެއެވެ.

އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްޤީކޮށްފައިވާ ސްވައިޕަކީ، ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެއެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި، ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނެގޭނެ ކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއްވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *