ރާއްޖޭގެ ސިއްހީ ދާއިރާގައި ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން، ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވައިދީ އަދި އިސްތަށި ފެޅުމަށް އެހީތެރިވެދޭ ޒަމާނީ ފަރުވާއެއް ކަމަށްވާ "ޕްލޭޓްލެޓް ރިޗް ޕްލާޒްމާ" (ޕީއާރުޕީ) ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، ޑާމައެސްތެޓިކް ޚިދުމަތްތަކުގެ ދަށުން އަލަށް ތައާރަފުކުރި މި ފަރުވާއަކީ ޚިދުމަތް ހޯދާ ފަރާތުގެ އަމިއްލަ ލޭ ބޭނުންކޮށްގެން ދެވޭ ރައްކާތެރި އަދި ޒަމާނީ ފަރުވާއެކެވެ. މި ފަރުވާގެ ތެރޭގައި މައިގަނޑު ދެ ދާއިރާއަކުން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
- އިސްތަށި ފެޅުމަށް ދެވޭ ޕީއާރުޕީ: މިއީ އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ، އިސްތަށިގަނޑު ބޯކޮށްދޭ ފަރުވާއެކެވެ.
- ލަކުނު ފިލުވުމަށް ދެވޭ ޕީއާރުޕީ: ބިހި ނެގުމުގެ ސަބަބުން ހަންގަނޑުގައި އުފެދޭ ލަކުނުތައް ފިލުވައިދީ، ސިއްހަތު ރަނގަޅު އޮމާން ހަންގަނޑެއް ހޯދައިދިނުމަށް މި ފަރުވާ އެހީތެރިވެދެއެވެ.
މި ފަރުވާ ކުރިއަށްދާ ގޮތާ ގުޅޭގޮތުން ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ބަލިމީހާގެ ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށް ކޮންސެންޓްރޭޓް ކުރުމުން އޭގެ އަދަދު އިތުރުވެއެވެ. މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ ފަރުވާއަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗަކަށްވާއިރު، މީގެ ސަބަބުން ހަށިގަނޑުގެ ސެލްތައް މަރާމާތުވެ، ކޮލަޖެން އުފެއްދުމާއި ޓިޝޫތައް އަލުން އުފެދުމަށް މަގުފަހިވެގެންދެއެވެ.
ޑާމައެސްތެޓިކް ދާއިރާއަށް މި ޚިދުމަތް ތައާރަފުކުރުމުގެ ކުރިން ވެސް، ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ހުޅުހުޅުގެ ބަލިތަކަށް ޕީއާރުޕީ އިންޖެކްޝަން ބޭނުންކޮށްގެން ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް، ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުން ހިމެނެއެވެ.
މި އައު ޚިދުމަތާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، މިއީ ބަލިމީހުންނަށް އިސްކަންދީގެން ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ތަޖުރިބާކާރު ޑޮކްޓަރުންގެ އެހީގައި ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

