ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ބޮޑު ކުންފުނި، އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ 5ޖީ ނެޓްވޯކުގެ ޚިދުމަތް ރާއްޖޭގެ 80 ޕަސެންޓު ސަރަހައްދަށް މިހާރު ފުޅާކޮށްފައިވާކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.
އުރީދޫން ހާމަކުރި ގޮތުގައި، ރާއްޖޭގައި މިވަގުތު އޮތް އެންމެ ފުޅާ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކުގެ ޚިދުމަތް ދެނީ އެ ކުންފުނިންނެވެ. މިއީ އާންމުންނާއި މުޅި މުޖުތަމައު ޑިޖިޓަލްކޮށް ބާރުވެރިކުރުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މި އާ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ ފަސޭހަތަކަށް އަލިއަޅުވާލަމުން އުރީދޫން ބުނީ، 5ޖީ މެދުވެރިކޮށް ވަރަށް ހަލުވި ދުވެލީގައި އޮންލައިންކޮށް ގޭމު ކުޅުމާއި، އެޗްޑީ ކޮލިޓީގައި ފިލްމުތައް ސްޓްރީމްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ކޮންމެ ތަނެއްގައި ހުރެގެންވެސް އޮފީސް މަސައްކަތްތައް ކުރުމާއި، އެކި ބާވަތުގެ ޑިޖިޓަލް ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ބާރުމިން މި ނެޓްވޯކުން ފޯރުކޮށްދޭނެއެވެ.
އުރީދޫން މި ޚިދުމަތް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ، މޮބައިލް ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ޚިދުމަތްތަކަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދީ، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް އެހީތެރިވުމެވެ.
އެ ކުންފުނިން އިތުރަށް ބުނިގޮތުގައި، އިތުބާރު ހިފޭ އަދި ހަލުވި އިންޓަނެޓުގެ ސަބަބުން ކަސްޓަމަރުންގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އުރީދޫގެ 5ޖީ ނެޓްވޯކަކީ މިއަދުގެ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޓެކްނޮލޮޖީ ފަހިކޮށްދޭނެ ވަސީލަތެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

