އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ބަޔޯޓެކްނޮލޮޖީ ކުންފުނިތަކަކުން ގުޅިގެން، އާދައިގެ ހަކުރާ ރަހަ އެއްގޮތް ނަމަވެސް ކެލޮރީ މަދު، އަދި އިންސިއުލިން މަތިނުކުރާ އައު ބާވަތެއްގެ ގުދުރަތީ ހަކުރެއް އުފައްދާނެ ފަސޭހަ ގޮތެއް ހޯދައިފިއެވެ. މި ހޯދުންތައް މިހާރު ވަނީ ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ "ސެލް ރިޕޯޓްސް ފިޒިކަލް ސައިންސް" ގައި ޝާއިޢުކޮށްފައެވެ.
"ޓެގަޓޯސް" ގެ ނަމުން ނަންދެވިފައިވާ މި ހަކުރަކީ އާދައިގެ ހަކުރުގައި ހުންނަ ފޮނިމީރުކަމުގެ 92 އިންސައްތަ ހުންނަ ބާވަތެކެވެ. ނަމަވެސް، މީގައި އެކުލެވިގެންވަނީ އާދައިގެ ހަކުރަށްވުރެ ތިންބައިކުޅަ އެއްބައި މަދު ކެލޮރީއެވެ. ޓެގަޓޯސްއަކީ ގުދުރަތީ ގޮތުން މޭވާ އާއި ކިރުގައި ވަރަށް މަދުން ހުންނަ މާއްދާއެއް ކަމުން، މީގެ ކުރިން މިއީ ވިޔަފާރީގެ އުސޫލުން ގިނަ އަދަދަކަށް އުފެއްދުމަށް ދަތިތަކެއް ހުރި އެއްޗެކެވެ.
ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، މި ހަކުރު ބޭނުންކުރުމުން ލޭގައި ގްލޫކޯޒް ހުންނަ މިންވަރު ބޮޑަށް މަތިވެގެން ނުދެއެވެ. މިއީ ހަކުރުބަލި ހުންނަ މީހުންނަށާއި އިންސިއުލިންގެ މައްސަލަ ހުންނަ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި ހަކުރު އުފެއްދުމަށް ސައިންސްވެރިން ބޭނުންކޮށްފައިވަނީ ޖެނެޓިކަލް މޮޑިފިކޭޝަން ހަދާފައިވާ "އީ. ކޯލައި" ބެކްޓީރިއާއެވެ. މި ބެކްޓީރިއާ ކުދި "ފެކްޓްރީތަކެއްގެ" ގޮތުގައި ބޭނުންކޮށްގެން، ގްލޫކޯޒް ޓެގަޓޯސްއަށް ބަދަލުކުރުމުގައި 95 އިންސައްތައިގެ ކާމިޔާބީއެއް ވަނީ ހޯދާފައެވެ. މިއީ މީގެ ކުރިން މިކަމަށް ބޭނުންކުރި ގޮތްތަކަށްވުރެ މާ ފައިދާހުރި އަދި އަވަސް ގޮތެކެވެ.
މީގެ އިތުރުން، ޓެގަޓޯސްއަކީ ދަތްތަކަށް ރައްކާތެރި، އަދި އަނގައިގެ ތެރޭގައި ހުންނަ ގެއްލުންދެނިވި ބެކްޓީރިއާ އާލާވުން ކުޑަކޮށްދޭ އެއްޗެކެވެ. އަދި އާދައިގެ ހަކުރެކޭ އެއްފަދައިން ކާތަކެތި ފިހުމުގައި ވެސް މިއީ ބޭނުންކުރެވޭނެ އެއްޗެއްކަމަށް ސައިންސްވެރިން ބުނެއެވެ.
މި އައު ހޯދުމާއެކު، ކުރިއަށް އޮތް ތަނުގައި ސިއްހަތަށް ފައިދާހުރި ހަކުރުގެ ބާވަތްތައް މާކެޓުގައި އާންމުވެ، ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.

