ރާއްޖެއަށް ބޭނުންވާ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ސޯޝަލް މީޑިއާގެ އެކި ޕޭޖްތަކުގައި އިޝްތިހާރުކޮށްގެން ބޭސް ވިއްކަމުންދާ މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެ، ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީ ވެސް އެ އޮތޯރިޓީން އެކުލަވާލާފައިވާ "ރާއްޖޭގައި ވިއްކުމުގެ ހުއްދަ ދީފައިވާ ބޭހުގެ ލިސްޓު" ގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާރަކަށް އައިސް ބައެއް އޮންލައިން ޕޭޖްތަކުން ނުރައްކާތެރި ބޭސްތަކެއް އާންމުންނަށް އޮޅޭ ގޮތަށް އިޝްތިހާރު ކުރަމުންދާކަން އެ އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ 'ސެމަގުލުޓައިޑް' އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި އަދި ހަމުގެ މައްސަލަތަކަށް ބޭނުންކުރާ 'އެޒޭލެކް އެސިޑް' އަކީ މޫނުގެ ހަންގަނޑު އަލިކުރާ ބޭހެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކަމުންދާ ކަމަށް އެމްއެފްޑީއޭ އިން ފާހަގަކުރިއެވެ.
އެމްއެފްޑީއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، މިއީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ނޫނީ ބޭނުންކޮށްގެންވާނެ ބޭސްތަކެއް ނޫނެވެ. އަދި ފާމަސީތަކުން ވެސް މިފަދަ ބޭސްތައް ދޫކުރަން ޖެހޭނީ ސައްހަ ބޭސް ސިޓީއަކަށް ކަމަށް އެ އޮތޯރިޓީން ހަނދާންކޮށްދެއެވެ.
ޑޮކްޓަރެއްގެ ލަފަޔާ ނުލައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށްވާތީ، އާންމުން މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާ މެދު ބޭހާ ބެހޭ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު ވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

