ދިވެހިރާއްޖޭގެ ބޭންކިން ދާއިރާ އިތުރަށް ތަރައްގީކޮށް، މި ދާއިރާއިން ދިވެހިން ތަމުރީނުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކަރސް (އޭއައިސީބީ) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިއުޓްގެ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޗާޓާޑް ބޭންކިންގެ ދާއިރާއިން މަތީ ފަންތީގެ ތަމުރީނުތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މި ގޮތުން ޗާޓާޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގުމަށް ވަނީ ރޭވިފައެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ، އޭއައިސީބީއާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމުގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާނެ ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކިން ދާއިރާގެ ތައުލީމާއި ތަމުރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކެޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ޒުވާނުންނަށް އަމާޒުކޮށްގެން އިންޓާންޝިޕްގެ ފުރުސަތުތައް ވެސް ފަހިކޮށްދެމުންނެވެ.

މި އައު އެއްބަސްވުމާއެކު، ރާއްޖޭގެ ބޭންކިން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަމުރީނުތައް ލިބި، ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ. އޭއައިސީބީ އަކީ ބޭންކިން ދާއިރާގެ ފަންނީ މިންގަނޑުތައް ކަނޑައަޅައި، މީހުން ތަމުރީނުކުރުމުގައި އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މުހިންމު އިދާރާއެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *