ބައިނަލްއަގުވާމީ ތައުލީމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ރާއްޖޭގެ އެކި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިރާގުން ޚާއްސަ ހަރަކާތެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

"ދިރާގު ސްޓޫޑެންޓް ކަނެކްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް، އެކުދިން ބާރުވެރިކުރުވުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މިއީ މި ސިލްސިލާގެ ދަށުން ބޭއްވި ފުރަތަމަ އެޑިޝަން ކަމަށްވާ "އައިސިކް އެޑިޝަން" އެވެ.

މި އިވެންޓުގައި ދަރިވަރުންނަށް މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކެއް ހިމަނާފައިވާއިރު، ކިޔަވާ ދަރިވަރުންނަށް ޚާއްސަ ގިނަ އޮފާތަކާއި ޑިސްކައުންޓުތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް "ދިރާގު x އައިސިކް" ސްޓޫޑެންޓް ޑިސްކައުންޓް ކާޑުގެ އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ދީފައިވެއެވެ. މި ސަބްސްކްރިޕްޝަންގެ ސަބަބުން ދަރިވަރުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި އައުޓްލެޓްތަކުން ޚާއްސަ ޑިސްކައުންޓުތަކާއި ފައިދާތައް ލިބިގެންދާނެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު ޢަލީ ރިޔާޒް ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ އެކި ފުރުސަތުތަކާއި ވަސީލަތްތަކާއި ތަޖުރިބާ ފޯރުކޮށްދިނުމަކީ ދިރާގުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ދިރާގުގެ ބްރޭންޑް، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މިރްޝާން ޙަސަން ވިދާޅުވި ގޮތުގައި، ދިރާގުގެ އަމާޒަކީ ޑިޖިޓަލް ޒަމާނުގައި އުނގެނުމަށް ބޭނުންވާ ވަސީލަތްތަކާއި އިންޓަނެޓުގެ އެހީގައި ދަރިވަރުން ތައުލީމީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ކުރިއަރައި ދިއުމަށް މަގުފަހިކޮށްދިނުމެވެ.

ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްސަކޮށް "ދިރާގު x އައިސިކް" ސަބްސްކްރިޕްޝަން ޕްލޭން އެންމެ ފުރަތަމަ އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި ހަރަކާތަކީ ދަރިވަރުންނަށް ބޭނުންވާ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *