ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ބައިނަލްއަގުވާމީ އިގްތިސާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ތާރީޚީ މިންވަރަކަށް އުފުލި، ފުރަތަމަ ފަހަރަށް ރަން އައުންސެއްގެ އަގު 5،000 އެމެރިކާ ޑޮލަރަށް ވުރެ މަތިވެއްޖެއެވެ.

މާލީ ބާޒާރުތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ބާޒާރުގައި ރަން އައުންސެއްގެ އަގު މިވަގުތު ހުރީ 5،089.78 އެމެރިކާ ޑޮލަރުގައެވެ. މިއީ އިއްޔެ ރަނުގެ އަގު 5،100.50 ޑޮލަރަށް އެރުމަށްފަހު، ދެ ޕަސެންޓުގެ ކުޑަ ދަށްވުމެއް އައިސްފައިވާ އަދަދެކެވެ.

ރަނުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ އެމެރިކާއަށް ގިނަ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމުމާއި، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން، ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ގިނަ ބަޔަކު ރަނަށް އިންވެސްޓްކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު 64 ޕަސެންޓު އުފުލިފައިވާއިރު، މިއީ 1979 ވަނަ އަހަރަށްފަހު ރަނުގެ އަގަށް މިހާ ބޮޑު ކުރިއެރުމެއް އައި ފުރަތަމަ ފަހަރެވެ. އަދި މި ފެށުނު އަހަރުގެ މިހާތަނަށް ވެސް ރަނުގެ އަގު ވަނީ 18 ޕަސެންޓު މައްޗަށް ގޮސްފައެވެ.

ރަނުގެ އިތުރުން، ރިހީގެ އަގުވެސް ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ. އެގޮތުން، މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ ބާޒާރުގައި ރިހި އައުންސެއްގެ އަގު ވަނީ ފުރަތަމަ ފަހަރަށް 100 އެމެރިކާ ޑޮލަރަށްވުރެ މަތިވެފައެވެ.

އިގްތިސާދީ މާހިރުން ލަފާކުރާގޮތުގައި، ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް އަގުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *